ކުނި ފުނި ހަދާ މައްސަލައިގައި މޭޔަރު: ހައްލެއް ލިބޭނީ އުކާލަން ކެތްވާވަރުގެ އަގެއް ހެދިގެން

ހުޅުމާލޭގައި ހުރި ކުނި ފުންޏެއް: އެ މައްސަލައަށް ހައްލެއް ލިބޭނީ ކުނި މެނޭޖުކުރާނެ ނިޒަމަކާއި އުކާލަން ކެތްވާވަރުގެ އަގެއް ހެދިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ފުނި ހަދާ މައްސަލަ ހައްލުވާނީ އެ ކަމަށް ރަނގަޅު ނިޒާމަކާއި ކުނި އުކާލަން މީހުންނަށް 'ކެތްވާވަރުގެ' އަގެއް ކަނޑައެޅިގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގެ އެކި ތަންތަނުގައި ކުނި ފުނި ހަދާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ވަނީ ރޯދަމަހާއި އެހެން މަސްތަކުގައި ވެސް އެ ކަމަށް ހައްލެއް ގެންނާނީ އާންމުން ކަމަށް ދޭހަވާ މޭރުމަކުން އިލްތިމާސްކޮށްފައެވެ.

އެ ކަމާ ގުޅިގެން މޭޔަރު އާޒިމް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިސިޕަލް ސާވިސް ކުންފުންޏެއްގެ ދަށުގައި ހުޅުމާލެ އޮތުމުން ރައްޔިތުން "ގޯސްކޮށްފައި" ނިންމާލަނީ އެކަށީގެންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދީ ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް ޢާޒިމް: ވިދާޅުވީ ހައްލެއް ލިބޭނީ ކުނި މެނޭޖުކުރާނެ ނިޒަމަކާއި އުކާލަން ކެތްވާވަރުގެ އަގެއް ހެދިގެން ކަމަށް -- ސަން ފޮޓޯ: ޙަސަން ޙާފިޒް

މޭޔަރު ތުހުމަތުކުރެއްވި ގޮތުގައި، އެޗްޑީސީގެ މަގުސަދަކީ އެ ކުންފުނީގެ ފައިދާ ބޮޑުކުރުމެވެ.

އޭގެ އިތުރަށް، ކުނީގެ މައްސަލައަށް ހައްލެއް ލިބޭނީ ރަނގަޅު ނިޒާމަކާއި މީހުންނަށް "ކެތްވާވަރުގެ" އަގެއް ހެދިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި، އެޗްޑީސީން އެ ކުނިތައް ނަގައި ސާފުކޮށް، މާލޭގެ ރައްޔިތުންނަށް ސާފު މާހައުލެއް ގާއިމު ކޮށްދޭންޖެހޭނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.

https://sun.mv/217756

މޭޔަރު އެފަދައިން ވިދާޅުވިއިރު، ފަހި ދިރިއުޅުން ފުލެޓުތައް ކައިރިއަށް ބޮޑެތި ކުނިތައް އަޅާފައި ހުންނަ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ.

އެ މައްސަލަ އަދިވެސް ހައްލުނުވެ، ކޮރިޑޯތަކަށާ އެއްކޮށް ކުނި އަޅަމުންދާތީ، އެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް