ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް (ސީޕީއައި)ގައި މިދިޔަ އަހަރު ދިވެހިރާއްޖެއަށް 100އަކުން 39 މާކްސް ލިބިއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނި ގޮތުގައި، މިދިޔަ އަހަރު ރާއްޖޭން ވަނީ އެއް ޕޮއިންޓު ކުރިއަށް ޖެހިލާފައެވެ. އޭގެ ކުރިން ސީޕިއައިގައި ރާއްޖެއަށް ލިބުނީ 100އަކުން 38 ކަމަށްވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 39 ގައެވެ.
އެހެންވެ، ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ ސީޕިއައިގައި ހިމެނޭ 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ، ރާއްޖޭގެ ސީޕީއައިގެ ނަތީޖާ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ހުރުމަކީ، ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޒުކު ކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އެހެންވެ، ދައުލަތުގެ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ގެއްލި، އަދުލު އިންސާފާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް އޮންނަ ފުރުސަތުތައް ހަނިވާ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެއެވެ.
ސީޕީއައި ނަތީޖާ އާންމުކުރުމާ ގުޅިގެން، ގައުމުގެ ހިންގުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި، ގާނޫނީ އޮނިގަނޑަށް ގެނެވޭ އިސްލާހުތަކުގެ އިތުރުން، މުއައްސަސާތަކުން އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ނިޒާމީ ބަލިކަށިކަން ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ސިފަކޮށްފައެވެ.
ސީޕީއައިގެ ނަތީޖާ މިއަދު އާންމުކުރިއިރު، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެއެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.
މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ. އެހެންވެ، އޭސީސީއަށް އަބަދުވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ.