ކޮރަޕްޝަން ހުއްޓުވުމުގެ ބިޔަ ބޮޑު މަޝްރޫޢަކަށް ބޭނުންވެފައި

ކޮރަޕްޝަން ދައްކުވައިދޭ ގްރެފިކްސްއެއް--

ކޮރަޕްޝަނަކީ ގައުމެއްގެ އިގުތިސާދީ ދުވެއްޔާއި އިޖުތިމާއީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ދިވެހިރާއްޖޭގެ މާހައުލަށް ބަލާއިރު، ދައުލަތުގެ ވަސީލަތްތަކާއި އާންމު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަގާފަތެއް އަށަގަނެފައި އޮތުމަކީ، ގައުމުގެ ތަރައްގީގެ މަންފާ ރައްޔިތުންނަށް ހަމަހަމަކޮށް ލިބުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ ހަމައެކަނި ފައިސާއާ ގުޅިފައިވާ މައްސަލައެއް ނޫނެވެ. މިއީ ގައުމުގެ އަދުލުއިންސާފުގެ ނިޒާމާއި، އިންސާނީ ކަރާމާތާއި، މުޖުތަމައުގެ އިތުބާރުގެ ބިންގަލާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ.

ދިވެހިރާއްޖޭގައި ކޮރަޕްޝަން ފެންނަން ހުރީ ތަފާތު އެކި ސިފަސިފަޔަށެވެ. މީގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކާއި، މުދާގަތުމާއި، ބިން ދޫކުރުމުގައި ރިޝްވަތު ހިފުމާއި ނާޖާއިޒު މަންފާ ހޯދައިދިނުން ހިމެނެއެވެ. ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމުގައި އާއިލީ ނުފޫޒާއި ސިޔާސީ ގާތްކަމަށް އިސްކަންދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ ފަދަ ބޮޑެތި ޚިޔާނާތްތަކުން ފެށިގެން، އާންމު އިދާރީ ކަންކަމުގައި ހުއްދަތައް އަވަސްކުރުމަށް ދޭންޖެހޭ "ސައި ފައިސާ"އާ ހަމައަށް ކޮރަޕްޝަންގެ ވަބާ ވަނީ ފެތުރިފައެވެ.

ކޮރަޕްޝަންގެ މޫތައް ރާއްޖޭގައި ފުންވެފައިވާ މައިގަނޑު ސަބަބަކީ ދައުލަތުގެ މުއައްސަސާތައް ސިޔާސީވުމާއި ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވުމެވެ. ބައިނަލްއަގުވާމީ މިންގަނޑުން ބަލާއިރު، "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"ގައި ރާއްޖޭގެ ސްކޯ 100 އިން 40 ގެ ހިސާބުގައި ހިފެހެއްޓިފައި ހުރުމުން އެނގެނީ، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ އިންސާނީ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. ޒުވާނުންގެ އުންމީދުތައް ގެއްލި، ކިޔެވި ނަމަވެސް ފުރުސަތުތައް ލިބެނީ ވަކި ބަޔަކަށް ކަމަށް ގަބޫލުކުރެވި، މުޅި ނިޒާމަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ.

https://sun.mv/215290

ކޮރަޕްޝަން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރާ މަސައްކަތްތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހުރި ބައެއް ކަންތައްތަކަކަށް ބަލާލާނަމެވެ. އެ އަހަރު ކޮމިޝަނަށް ހުށަހެޅުނު 1171 މައްސަލައިގެ ތެރެއިން 732 މައްސަލަ ރަޖިސްޓްރީ ކުރެވުނުއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތަކެވެ. އެ އަހަރު ޖުމްލަ 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓަކުން މަސައްކަތްކުރި މި ކޮމިޝަނުން ވަނީ 16 މައްސަލައެއްގައި ދައުލަތަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. އަދި، ކޮރަޕްޝަން "ވިޔަނުދިނުމަށް" ހޭލުންތެރިކުރުމުގެ ގޮތުން 40 ޕްރޮގްރާމެއް ހިންގައި، 1700 އަށްވުރެ ގިނަ މީހުން ތަމުރީނު ކޮށްފައިވެއެވެ.

އެ އަހަރު ކޮމިޝަނުން ސަރަހައްދީ އަށް ގައުމަކަށް ރަސްމީ އަށް ދަތުރެއް ކޮށްފައިވެއެވެ. އަދި، މިދިޔަ އަހަރުގެ ތެރޭގައި އަޒަރުބައިޖާން، ސައުދީ އަރަބިއްޔާ އަދި ގަތަރު ފަދަ ގައުމުތަކުގައި ބޭއްވުނު އެންޓި-ކޮރަޕްޝަން ކޮންފަރެންސްތަކުގައި ބައިވެރިވެ، ބައިނަލްއަގުވާމީ ތަޖުރިބާ ހޯދާފައެވެ.

އަދި، 2024 ގައި އެންޓިކޮރަޕްޝަން ކޮންފަރެންސް 2024 ބާއްވާ، ރިސްކް އެސެސްމަންޓް ދެ ރިޕޯޓަކާއި ކުޅިލަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތަކުގެ ފުރަތަމަ ޑްރާފްޓާއި، ފާއިތުވި ފަސް އަހަރު ކޮމިޝަނުން ބެލި ޕްރޮކިއޮމަންޓް މައްސަލަތަކުގެ އެނެލިސިސް ރިޕޯޓުގެ ފުރަތަމަ ޑްރާފްޓް ނިންމާފައިވެއެވެ.

https://sun.mv/215087

އޭސީސީން 2024 ވަނަ އަހަރު ޝާޢިއުކުރި (2022 ގައި ކޮމިޝަނުން ފާސްކޮށްފައިވާ) "ސަރުކާރުގެ އަދި ސަރުކާރު ޒިންމާވާ ކުންފުނިތައް ހަރުދަނާކުރުން: ޕްރޮކިއޮމަންޓް، ރެކްރޫޓްމަންޓް، އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ދިރާސާގައި، ޕްރޮކިއުމަންޓާ ގުޅިގެން ފާހަގަކޮށްފައިވާ ބައެއްކަންކަމުގެ ތެރޭގައި،

  • އެއްބަސްވުމުގައި އަމަލުކުރަން ކަނޑައަޅާފައިވާގޮތާ ޚިލާފަށް ކަންހިނގިކަމުގައި ވިޔަސް ފިޔަވަޅެއް ނާޅާކަން،
  • ލިކްއިޑޭޓްޑް ޑެމެޖަސް ނުކަނޑާ މަސައްކަތުގެ ފުރިހަމަ އަގުދީފައިވާކަން،
  • މުއްދަތު އިތުރުކުނުކުރަން ބޯޑުން ނިންމިކަމުގައި ވިޔަސް މަސައްކަތުގެ ފުރިހަމަ އަގުދީފައިވާކަން،
  • އެއްބަސްވުމާއި ޚިލާފަށް އަމަލު ކޮށްފައި ހުންނަ ހާލަތްތަކުގައި ލިޔެކިޔުން ބަލަހައްޓާފައި ނުހުންނަކަން،
  • ލިޔެކިޔުންތައް ވީނުވީއެއްނޭނގި ގެއްލިފައި ހުންނަކަމާއި ރަސީދުތައް މަދުވެފައި ހުންނަކަން،
  • ވަކި މަޝްރޫޢުތައް އަމިއްލަ މައްސަލަހަތު ހިމެނޭ ކުންފުންޏަކަށް ދީފައިވާކަން،
  • ބިޑުގެ މަޢުލޫމާތު ހިއްސާކޮށްގެންނާއި، ހުށަހަޅާ ޕްރޮޕޯސަލް ގެ އަސްލަށް ބަދަލުގެނެސްގެން މިކަން ކުރާކަން،
  • ޕޭމަންޓަށް ރިކްއެސްޓުކުރުމުން ޕޭމަންޓުނުދީ ލަސްކޮށް، ޕޭމަންޓުދޫކުރަނީ އެކަމަށް އަގެއްގެ ގޮތުގައި އެދޫކުރާފައިސާއިން ބައެއް، ޕްރޮކިއުމަންޓުގައި މަސައްކަތްކުރަން ހުންނަފަރާތަށް ލިބޭގޮތަށްކަމަށާ،
  • ވެންޑަރ ލިސްޓަށް އެރުމަށްޓަކައި އެމަސައްކަތްކުރާ ފަރާތަށް ފައިސާއާއި އިނާޔަތްތައް ދޭންޖެހޭކަން، ހިމެނެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދަތުރުގައި ނިޒާމީ އަދި އުސޫލީ ބަދަލުތަކެއް ގެނައުމަކީ މަޖުބޫރު ކަމެކެވެ. ފާރަވެރިވާ މުއައްސަސާތަކުގެ މިނިވަންކަން ވަރުގަދަކޮށް، ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ ބިޑްކުރުން ދެފުށް ފެންނަ ގޮތަށް ހިންގަންޖެހެއެވެ. ހަމައެއާއެކު، މަގާމުގެގޮތުން ލިބޭ އިޚުތިޔާރަކީ އިމްތިޔާޒެއް ނޫންކަމާއި، އެއީ ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި ބަލައިގަންނަ ސަގާފަތެއް ބިނާކުރަންޖެހެއެވެ. ސްކޫލް މަރުހަލާއިން ފެށިގެން ނަޒާހަތްތެރިކަން އުނގަންނައިދިނުމަކީ މުސްތަގުބަލުގެ ޖީލުތައް މި ވަބާއިން ސަލާމަތްކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އިންވެސްޓްމަންޓެވެ.

https://sun.mv/215009

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭކަމަށް އަޅުގަނޑު ދެކޭ އެންމެ މުހިންމުކަމަކީ، މަލްޓިޕާޓީ ޑިމޮކްރަސީއާއި ގުޅިގެން ސަރުކާރުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކުރަން ފެށި ސަރުކާރު ކުންފުނިތައް، އެގޮތުގެ މަތީން ބޭނުންކުރުން ހުއްޓާލުމުގެ ނިޒާމެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ، އެއަށް ގާނޫނީ ސިފަ ގެނައުމެވެ.

ރާއްޖޭގައި ހެދިފޯދި ބާރުގަދަވަމުން އަންނަ "ހިޔަނިކެބިނެޓު" އުވާލުމެވެ. ދިވެހިޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގެ – އެހެންގޮތަކަށް ދަންނަވާކަމުގައިވާނަމަ "ސަރުކާރުގެ" ބާރެއް ނުފޯރާ "އެސްއޯއީތައް" ސަރުކާރުގެ ސިޔާސީ މަސައްކަތްކުރުމުގެ ހަރުގެތަކެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެނައުމެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަލަންގެ ޗެއާޕާސަން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރެއްގައި ވިދާޅުވީ، ކޮރަޕްޝަންގެ އެންމެ މައި ދެ ތަނބަކީ ޖަވާބުދާރީ ނުކުރެވޭނެގޮތަށް އެއްތާކަށް ބާރުތައް ޖަމާކުރުމާއި، ސިއްރުތައް ގިނަވުން ކަމުގައެވެ. މި ކުންފުނިތަކުގައި އެކަން އޮތީ އަތްނުލެވޭ ހިސާބުގައި ކަމުގައި އޭސީސީގެ ރިޕޯޓުން ދައްކައެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ހަމައެކަނި މުއައްސަސާއެއްގެ ނުވަތަ ސަރުކާރެއްގެ ޒިންމާއެއް ނޫނެވެ. އެއީ، ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ރައްޔިތުން ސުވާލުކޮށް، ވެރިން ޒިންމާދާރުކުރުވައި، އަމިއްލަ ފައިދާއަށްވުރެ ހަމަހަމަ އުސޫލުތަކަށް އިސްކަންދޭން ފެށުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ ދަތުރުގެ ކާމިޔާބީގެ ފެށުމެވެ. އަޅުގަނޑުމެންގެ ތެރޭގައި ނަޒާހަތްތެރި، ޒިންމާދާރު، ދެފުށް ފެންނަ ސަގާފަތެއް ބިނާކޮށްފިނަމަ، ދިވެހިރާއްޖޭގެ މުއައްސަސާތަކަކީ އިތުބާރު ހުރި، ނަޒާހަތްތެރި ތަންތަނަށް ވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް