އައިކޮމްއިން ތާވަލުކުރި ދެ އަޑުއެހުމަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި

އިންފޮމޭޝަން ކޮމިޝަނަރު އޮފީސް ހުންނަ އިމާރާތް: އެ އޮފީހުން ވަނީ ތާވަލުކުރި ދެ އޑުއެހުމަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފަ

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީން މައުލޫމާތު ހޯދުމަށް އެދުނު ދެ ހުށަހެޅުމެއްގެ މައްސަލާގައި އައިކޮމްއިން ތާވަލުކުރި ދެ އަޑުއެހުމަށް ހާޒިރުނުވުމުން އެ މިނިސްޓްރީ ޖޫރިމަނާކޮށްފައި ވާކަމަށް އައިކޮމްއިން ބުނެފިއެވެ.

ސަން އަށް މައުލޫމާތު ދެމުން އައިކޮމްއިން ބުނީ، މިއަދަށް ތާވަލުކޮށްފައިވާ ދެ އަޑުއެހުމަކަށް މިނިސްޓްރީއިން ހާޒިރު ނުވުމުގެ ސަބަބުން، އަޑުއެހުމަކަށް 350 ރުފިޔާގެ މަގުން ޖުމްލަ 700 ރުފިޔާއިން އެ މިނިސްޓްރީ ޖޫރިމަނާކޮށްފައި ވާކަމަށެވެ.

އައިކޮމް އިން ބުނީ އަޑުއެހުން ފެށުމުގެ ގަޑިއިރެއްގެ ކުރީން ލަސްކުރުމަށް އެދި ސަބަބާއެކު ފޮނުވައިފި ނަމަ އަޑުއެހުން ލަސްކޮށްދޭ ކަމަށެވެ. މީގެ ކުރީންވެސް މި މައްސަލައާ ގުޅުންހުރި ދެ އަޑުއެހުމެއް މިނިސްޓްރީގެ އެދުމުގެ މަތީން ފަސްކޮށްފައި ވާކަމަށާއި ޖޫރިމަނާކުރީ މިއަދުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ވާހަކަ އަންގާފައިނެތުމުން ކަމަށް އައިކޮމްއިން ބުނެއެވެ.

އެންމެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މި މަހުގެ ތިން ވަނަ ދުވަހަށް ކަމަށާއި އެ ދުވަހު މިިނިސްޓްރީން އަޑުއެހުން ފަސްކުރަން އެދުމުން އިއްޔެއަށް އަޑުއެހުން ފަސްކުރީ ކަމަށް އައިކޮމްއިން ބުންޏެވެ. އަދި ފަހުން އިއްޔެގެ އަޑުއެހުން މިއަދަށް ފަސްކޮށްފައި ވާކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ.

އައިކޮމްއިން ވަނީ މިނިސްޓްރީގެ އެ އަމަލަކީ އައިކޮމްގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ އަމަލެއް ކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ.

comment ކޮމެންޓް