އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިދިޔަ އަހަރު 22 މައްސަލައެއް ނިންމިއިރު، އެ މަޖިލީހުގެ ޖުމުލަ ބަޖެޓުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބާކީވެފައިވާ ކަމަށް، އެ މަޖިލީހުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
ފަތުވާ މަޖިލީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު 31 މައްސަލައެއް ހުށަހެޅުނުއިރު 22 މައްސަލައަކާ މެދު ގޮތެއް ނިންމައިފައިވެއެވެ.
އޭގެ ތެރޭގައި މަސައްކަތް ނުކޮށް ލިބޭ ވަޒީފާގެ މުސާރަ ހަލާލުވާނެތޯ ނުވަތަ ނޫންތޯއާއި ޖެމްކިއު ފަދަ މާލީ ޕްލެޓްފޯމުތައް ބޭނުންކުރުމުގެ ހުކުމާއި ޅެމުން ފަރުވާ ދިނުމުގެ ހުކުމް ހިމެނެއެވެ.
ރިޕޯޓުގައިވާ ގޮތުން ކުރީ އަހަރުތަކުގެ މައްސަލަތައް ހިމެނޭހެން މިދިޔަ އަހަރުގެ ނިޔަލަށް 11 މައްސަލައަކާ މެދު ގޮތެއް ނިންމިފައި ނުވެއެވެ. އަދި މިދިޔަ އަހަރު ތިން ކަމަކާ ގުޅޭ ގޮތުން ފަތުވާ ދީ 18 ކަމަކާ ގުޅޭ ގޮތުން ލަފާ ދީފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމަ އެހެންމެ މިދިޔަ އަހަރު ނިމުނު އިރު ހަ ފަތުވާއެއް އާންމުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން ފަތުވާ މަޖިލީހަށް 3.74 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖެއްސިއިރު، އެ ބަޖެޓުން 1.34 މިލިއަން ރުފިޔާ ބާކީވެފައިވެއެވެ.
އެ މަޖިލީހުގެ ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައެޅީ މުސާރައަށް ކަމަށްވީ ނަމަވެސް، ފަތުވާ މަޖިލީހުގެ މުވައްޒަފުންނަށާއި މެންބަރުންނަށް ޚަރަދުކުރީ މުސާރައަށް ކަނޑައެޅި ބަޖެޓުގެ އެންމެ 19.4 އިންސައްތައެވެ. އެގޮތުން އަހަރީ ރިޕޯޓުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މުވައްޒަފުންގެ މުސާރައަށް 1.21 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ޚަރަދުކުރީ 235،092 ރުފިޔާ 82 ލާރިއެވެ.
ނަމަވެސް މުވައްޒަފުންނަށް ދޭ އިނާޔަތްތައް އެއްކޮށްލުމުން، ބަޖެޓުގައި ކަނޑައަޅައިފައި އޮތް 2.70 މިލިއަން ރުފިޔާގެ ތެރެއިން 576،057 ރުފިޔާ ބާކީވެފައިވާ ކަމަށް، ރިޕޯޓުން ދައްކައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ. އެ މަޖިލީހުގެ ރައީސަކީ ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ކަމަށްވާއިރު ނައިބު ރައީސަކީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ. އެހެން މެންބަރުންތަކުގެ ތެރޭގައި ހިމެނެނީ ޑރ. އިލްޔާސް ޙުސައިނާއި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި ޑރ. މޫސާ އަންވަރު ޙަސަނެވެ.