ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު (މއ. އަސާސް)، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ހާސިލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ކާމިޔާބީގެ އިނާމެއްގެ ގޮތުން ޝާޔާއަށް 170،000 ރިޔާލް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މައްކާގެ ޙަރަމްފުޅުގައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ސައުދީ އިސްލާމިކް މިނިސްޓަރު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވާފައެވެ.
މިއީ 46 އަހަރު ވަންދެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މި އަހަރު ބޭއްވި 46 ވަނަ މުބާރާތުގައި 133 ގައުމަކުން ބައިވެރިވެފައިވެއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދީ، އަންހެން ކުދިންގެ ގޮތްޕެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.
މި ތާރީޚީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޚާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް މިފަދަ ބޮޑު މުބާރާތަކުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.