ރާއްޖޭގައި އަހަރަކު އެއްފަހަރު ބައިނަލްއަޤްވާމީ ސަރަހައްދީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން އަބްދުލްޢަޒީޒް އާލްޝައިޚްގެ ޚާއްސަ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރައްވަމުން، މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތެއް ބޭއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސައުދީ ސަރުކާރުން، ޚާއްސަކޮށް ރަސްގެފާނު ސަލްމާން ބިން އަބްދުޢަޒީޒް އާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ރާއްޖެއަށް ބަހައްޓަވާ ގާތްކަމަށާއި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް، ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން އަބްދުލްޢަޒީޒް އާލްޝައިޚާއެކު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޝަހީމް އުއްމީދު ކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި ދެ ގައުމުގެ އިސްލާމީ ވުޒާރާގެ ގުޅުން އިތުރަށް ބަދަހިވެ، ދީނީ ދާއިރާއިންނާއި ހައްޖުގެ އިންތިޒާމްތަކުގައި ލިބެމުންދާ އެހީތެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ.
ނަވާރަސަތޭކަ އަށްޑިހަ އެއްވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ރާއްޖެއާއި ސައުދީ އަރަބިއްޔާއަކީ ދީނީ އަދި މާލީ ގޮތުން ގާތް ގުޅުމެއް ބައްވަމުން އަންނަ ދެ ގައުމެވެ.