އެމެރިކާގެ ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއަން އަރަބް ރިޕަބްލިކް އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
އަދި އެ ކަމާ ގުޅިގެން ސީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ހޫނު މަރުހަބާއެއް ވަނީ އަރިސްކޮށްފައެވެ.
މީގެއިތުރުން، ސީރިއާގެ ރައްޔިތުންނަށް ސުލްހަޔާއި، ހަމަޖެހުމާއި ފާގަތިކަމަށް ރާއްޖެއިން އެދޭކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެމެރިކާގެ މި ނިންމުމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާ އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ލިބި، އެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، ސީރިއާގެ އިސްތިގުލާލާއި، މިނިވަންކަމާއި، ސަރަހައްދީ ފުރިހަމަކަމަށް ރާއްޖެއިން އަބަދު ވެސް ތާއީދުކުރާނެއެވެ.
އަދި ސީރިއާގެ ރައްޔިތުންގެ ހައްގުތަކާއި އުންމީދުތައް ހާސިލުކޮށްދިނުމަށް ޓަކައި، ސީރިއާގެ ރައްޔިތުން އިސްވެ، އެ މީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސުލްހަވެރި އަދި އެންމެން ޝާމިލުވާ ހައްލަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ދީފައެވެ.