އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދޭން ތައްޔާރުވަނީ

އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންނަށް އަނިޔާކުރަނީ

ޓެލްއަވީވު (9 ފެބްރުއަރީ 2026) : އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން އިސްރާއީލުގެ ޖަލުތަކާބެހޭ އިދާރާ (ޕްރިޒަން ސާވިސް) އިން ހާމަކޮށްފިއެވެ.

އެ އިދާރާ އާ ހަވާލާދީ އިސްރާއީލުގެ ޗެނެލް 13 ޓީވީ ނެޓްވޯކް ބުނިގޮތުގައި މި ތައްޔާރީ ތަކަކީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމާބެހޭގޮތުން އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރަން އުޅޭ ގާނޫނު ތަންފީޒު ކުރުމަށް ވާންޖެހޭ ތައްޔާރީ ތަކެކެވެ.

މި ގާނޫނު މިހާރުވަނީ އިސްރާއީލުގެ ޕާލަމެންޓްގެ ކޮމިޓީ މަރުހަލާގައެވެ. ކޮމިޓީ މަރުހަލާ ނިންމުމަށްފަހު ދެން އޮންނާނީ ޕާލަމެންޓްގެ ތަޅުމަށް ގެނަސް މެންބަރުންގެ ވޯޓަށް އަހައިގެން އެ ބިލް ފާސްކުރުމެވެ. މިކަން އަންނަ ހަފްތާގައި ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ބިލް ފާސްކުރުމަށްފަހު އިސްރާއީލުގެ ރައީސް އެ ބިލް ތަސްދީގު ކުރުމުން އެ ބިލް ގާނޫނަކަށް ވެގެންދާނެއެވެ.

މި ބިލް ބުނާގޮތުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން އިސްރާއީލުގެ މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބޭފަދަ އަމަލެއް ހިންގި އަދި އެކަމަށް ރޭވި ފަލަސްތީނުގެ ކޮންމެ މީހެއްގެވެސް އަދަބަކީ އެ މީހަކު މަރާލުމެވެ.

އިސްރާއީލުން ފަލަސްތީނުގެ ބަޔަކު ހައްޔަރުކޮށްގެން ޖަލަށް ގެންދަނީ

މިގޮތަށް މަރުގެ އަދަބު ދިނުމަކީ އިސްރާއީލުގެ ޖަލުތަކަށް ބާރު ކުޑަވެގެންދާނެކަމެއްގެ ގޮތުގައާއި އަދި ޚަރަދުވެސް ކުޑަވެގެންދާނެ ކަމެއްގެ ގޮތުގައި އިސްރާއީލުގެ ޕާލަމެންޓްގެ މެންބަރުންވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 12,000 އަސީރުން ހައްޔަރުކޮށްފައި ވެއެވެ. މީގެތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ މީހުންނަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމުގެ ސަބަބުން ހައްޔަރުކޮށް ޖަލަށް ލާފައިވާ މީހުންނެވެ.

މި ބިލް ގެ ބަހުސް ކުރިޔަށް ދިޔައިރު އިސްރާއީލުގެ ޕާލަމެންޓްގެ ގިނަ މެންބަރުން ފާހަގަކޮށްފައިވާ ގޮތުގައި އަބަދުވެސް 12000 ފަލަސްތީނު މީހުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާއިރު މިހާ ގިނަ އަދަދެއްގެ މީހުންނަށް ކާންބޯންދީ އަންނައުނު ދީ ހެދުމަކީ ޚަރަދުގެ ގޮތުން ކުރަން އިސްރާއީލަށް ބޮޑުކަމެކެވެ.

އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާ ފަލަސްތީނުގެ ގާތްގަނޑަކަށް 95 އިންސައްތަ އަސީރުންނަކީ އިސްރާއީލު ސިފައިންނަށާއި ސަލާމަތީ ބާރުތަކުގެ ތަންނަކަށް ގެއްލުން ލިބޭފަދަ އަމަލުތައް ރާވައި އަދި ހިންގާ މީހުންނެވެ. އެއީ މިނިވަންކަމަށް ކުރާ ޖިހާދު އަމާޒުކުރަނީ ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އުޅޭ އިސްރާއީލު ސިފައިންނާ ދެކޮޅަށް ކަމަށްވާތީއެވެ.

ފަލަސްތީނުގެ މިފަދަ އަސީރުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނެއް ހަދައިފިނަމަ އެ މީހުންނަށް ޖަލުގައި ކުރަންޖެހޭ ޚަރަދުތަކުން އިސްރާއީލަށް ސަލާމަތް ވެވިދާނެއެވެ.

މި ގާނޫނު ފާސްކުރުމުގައި އިސްކޮށް އުޅެނީ އިސްރާއީލުގެ އެންމެ ހަރުކަށި ސިޔާސީ ވެރިން ކަމަށްވާ ބެންގަވިރު އަދި ސްމޮތްރިޗް އެވެ. މި ދެ މީހުންނަކީ ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ފަހަތުގައި ތިބި މުޖްރިމުން ކަމަށް ވާތީ ދުނިޔޭގެ އެތައް ގައުމަކުން ވަނީ މި ދެ މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އިސްރާއީލުން މި ގާނޫނު ފާސްކުރަން މަސައްކަތް ކުރިނަމަވެސް މަރުގެ އަދަބާ ދެކޮޅު ނަމުގައި އިންސާނީ ހައްގުތަކަށް ވަކާލަތު ކުރާ ޔޫރަޕްގެ ގައުމުތަކުން މިކަމާ އަޅާލާފައެއް ނުވެއެވެ. އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ބަޔާންތައް ނެރޭ ހުޅަނގުގެ ޖަމާއަތްތަކުންވެސް މާބޮޑު ސަމާލުކަމެއް މިކަމަށް ނުދެއެވެ.

comment ކޮމެންޓް