އިސްރާއީލުގެ ވަޒީރު ބެން ގްވީރު މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަަލަ ބަލަން ފަށައިފި

އިސްރާއީލުގެ ކަނާތު ފިޔައިގެ ސަލާމަތާބެހޭ ވަޒީރު ބެން ގްވިރް. އޭނާ މަގާމުން ވަކިިކުރަން ހުށަހެޅި މައްސަލަ ވަނީ ބަލަން ފަށާފައި. ފޮޓޯ/އޭޕީ

އިސްރާއީލުގެ ފުލުހުންގެ އޮޕަރޭޝަންތަކާއި ތަހުގީގުތަކަށް ގަވާއިދާ ޚިލާފަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި، އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރް މަގާމުން ވަކިކުރުމަށް އެދި ހައިކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލަތަކުގެ އަޑުއެހުންތައް ވަނީ ފަށާފައެވެ. ބެން ގްވީރް މަގާމުން ދުރުކުރުމަށް އެދި އާންމު ރައްޔިތުންނާއި، ސެކިއުރިޓީ ދާއިރާގެ ކުރީގެ މެމްބަރުން އަދި ސިފައިންގެ މަންމައިން ހިމެނޭހެން ހަތަރު ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. އަޑުއެހުންތައް ސިއްރުން ކުރިއަށްދާއިރު، ސަރުކާރުން ވަނީ ކޯޓުގެ ނިންމުމަށް ތަބާނުވާނެކަމުގެ އިންޒާރު ދީފައެވެ.

  • އިޓަމާ ބެން ގްވީރްގެ މައްޗަށް ފުލުހުންގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ކުރެވިފައިވޭ
  • އޭނާ މަގާމުން ވަކިކުރުމަށް އެދި ހަތަރު ޕެޓިޝަނެއް ހައިކޯޓަށް ހުށަހެޅިފައިވޭ
  • މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުން
  • އިސްރާއީލުގެ ސަރުކާރުން ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމް ނުކުރާނެކަމަށް ބުނެފައި
  • ފަލަސްތީނު މީހުންނަށް އަނިޔާކުރުމަށް ހިތްވަރުދޭކަމުގެ ތުހުމަތުވެސް އޭނާއަށް ކުރެވޭ

އިސްރާއީލުގެ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ އިސްރާއީލުގެ ކަނާތުފިޔައިގެ، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރް މަގާމުން ވަކިކުރުމަށް އެދި އިސްރާއީލުގެ ހައިކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.

އިސްރާއިލުގެ މީޑިއާތަކުން ބުނާ ގޮތުގައި ބެން ގްވީރްއަށް ވަނީ ފުލުހުންގެ އޮޕަރޭޝަންތަކަށް ގަވާއިދާ ޚިލާފަށް ވަދެ ތަހުގީގުތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުކޮށްފައެވެ. އަދި މައްސަލަ ހުށަހެޅި ފަރާތްތަކުން އަންނަނީ އޭނާ ވަކިކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަޖުބޫރުކުރަމުންނެވެ.

ބެން ގްވީރް މަގާމުން ދުރުކުރުމަށް ހަތަރު ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ދެ ޕެޓިޝަން ހުށަހަޅާފައި ވަނީ އާންމު ރައްޔިތުންނެވެ. އަދި ތިން ވަނަ ޕެޓިޝަން ހުށަހެޅީ ސެކިއުރިޓީ ސްޓޭބްލިޝްމަންޓްގެ ކުރީގެ މެމްބަރުންގެ ގްރޫޕަކުން ކަމަށް ޕެޓިޝަން ހުށަހެޅި މީހުންގެ ތެރެއިން އެކަކުގެ ވަކީލަކު އޭއެފްޕީއަށް ބުންޏެވެ.

ހަތަރުވަނަ މައްސަލަ ހުށަހެޅީ، އިސްރާއީލުންް ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށް ޑިމާންޑް ކުރާ، އިސްރާއީލުގެ ސިފައިންގެ މަންމައިން ހިމެނޭ ހަރަކާތެއްގެ 35 މެންބަރުންނެވެ.

އެ މައްސަަލައިގެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ސިއްރުންނެވެ.

އަޑުއެހުމުގެ ކުރިން ކޯޓު އިމާރާތުގެ ބޭރުގައި ބެން ގްވީރަށް ތާއީދުކުރާ މީހުން ވަނީ ބޯޑުތައް ހިފައިގެން އަޑުގަދަކޮށްފައެވެ.

ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ބެން ގްރިވް ބުނީ އިސްރާއީލު ބައިބައިވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި ޑިމޮކްރެސީއެއް ނުވެއްޓޭނެ ކަމަށާއި ވެއްޓޭނީ ޚުދުމުހުތާރު ވެރިކަން ކަމަށްވެސް ބެން ގްރިވް ބުންޏެވެ.

އޭނާގެ ފަރާތުން އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން ވިދާޅުވީ ބެން ގްވީރު މަގާމުން ދުރުކުރަން ހައިކޯޓުން ކުރާ އެއްވެސް ހުކުމަކަށް ސަރުކާރުން އިހުތިރާމް ނުކުރާނެ ކަމަށެވެ.

"މިނިސްޓަރު ބެން ގްވީރު މަގާމުން ދުރުކުރުމަށް ކުރިއަށްދާ އަޑުއެހުމަކީ ގާނޫނާ ޚިލާފު ކަމެއް. އަދި ފަނޑިޔާރުން ނިންމާ ނިންމުން ސައްހައެއް ނުވާނެ." ލެވިން އިތުރަށް ބުންޏެވެ.

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންނަށް ބަނޑުހައިހޫނުކަން ކުރިމަތިކުރުވުމާއި، އަނިޔާކުރުމާއި ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް ހިންގަން ބެން ގްވީރް ހިތްވަރުދޭ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ބައެއް ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމުގެ އާ ގާނޫނު އިސްރާއީލުން އެކުލަވާލުމުގައިވެސް އިސްކޮށް އުޅެނީ ބެން ގްވިރެެވެ.

comment ކޮމެންޓް