ޓޯކިޔޯ (9 ފެބްރުއަރީ 2026) : ޖަޕާންގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށް ބޭއްވި އާންމު އިންތިޚާބު އެ ގައުމުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ކޯލިޝަނުން ކާމިޔާބު ކޮށްފިއެވެ.
ޖަޕާނުގެ އިންތިޚާބާބެހޭ އިދާރާ ބުނާގޮތުން ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ކޯލިޝަނުން ވަނީ ޕާލަމެންޓްގެ 465 ގޮނޑީގެ ތެރެއިން 253 ގޮނޑި ކާމިޔާބުކޮށްފައެވެ. މި 253 ގޮނޑީގެ ތެރެއިން 20 ގޮނޑިއަކީ "އެލްޑީޕީ" އާއެކު ކޯލިޝަން ހަދާފައިވާ ޖަޕާން އިނޮވޭޝަން ޕާޓީ (އިޝިން) އިން ކާމިޔާބުކުރި 20 ގޮނޑިއެވެ.
އެހެންކަމުން ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކޯލިޝަން މިވަނީ ޕާލަމެންޓްގައި ރަނގަޅު އަޣްލަބިއްޔަތެއް ހޯދާފައެވެ. ތަކައިޗީ އަކީ ޖަޕާނުގެ ކަނާތު ފިޔައިގެ ބޭފުޅެކެވެ.
އެ ކަމަނާއަކީ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް އާ ފިކުރާއި ވިސްނުމުގެ ގޮތުން ވަރަށް އެއްގޮތް ބޭފުޅެކެވެ. ޓްރަމްޕް ވަނީ ތަކައިޗީގެ ކާމިޔާބާ ގުޅިގެން އެކަމަނާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
ތަކައިޗީ އަކީ އަވަށްޓެރި ޗައިނާއާ މެދު ހަރުކަށި ނަޒަރަކުން ދެކިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ޗައިނާގައި ވަކިވެގަނެގެން އުޅޭ ސަރަހައްދެއްކަމަށްވާ ޓައިވާން ޗައިނާ އާ އެއްކޮށްލުމަށް ޗައިނާ ގެންގުޅޭ ސިޔާސަތަށް ދާދިފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަދި ޓައިވާން, ޗައިނާގެ ދަށަށް ގެނައުމަށްޓަކައި ޗައިނާ ބާރުގެ ބޭނުންކޮށްފިނަމަ ޓައިވާންގެ ދިފާއުގައި ޖަޕާން އެ މައްސަލައިގެ ތެރެއަށް އަސްކަރީ ގޮތުން ވަންނަން ޖެހިދާނެކަމަށް ވިދާޅުވެ ޗައިނާގެ ބޮޑުވަޒީރަކު މީގެ ކުރިން ދުވަހަކުވެސް ނުދެއްވާ ވަރުގެ ހަރުކަށި ބަޔާނެއް ތަކައިޗީ ވަނީ ދެއްވާފައެވެ.
މި މައްސަލާގައި ޗައިނާ ވަނީ ޖަޕާން އާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޖަޕާންގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ތަކައިޗީ ދެއްކެވި މި ވާހަކަފުޅާ ގުޅިގެން ޗައިނާއާއި ޖަޕާނުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ޖަޕާނުގެ ވަރަށް ގިނަ ސިޔާސީ ބޭފުޅުންވަނީ ޓައިވާންގެ މައްސަލައިގެ ތެރެއަށް ޖަޕާން ވަނުމަކީ ޖަޕާން ހަދާނެ އެންމެ ބޮޑު ގޯސްކަމަށް ވިދާޅުވެ ތަކައިޗީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖަޕާންގެ އާންމު އިންތިޚާބުގައި ތަކައިޗީގެ ޕާޓީއަށް ލިބުނު ތާއީދުގެ ފަހަތުގައި ވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖަޕާނުގައި ތަކެތީގެ އަގުތައް އުފުލެމުންދާ މައްސަލަ ހަމައަކަށް އެޅުވުމަށް ތަކައިޗީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އަޅާނެކަމަށް ބެލެވޭ ފިޔަވަޅުތައް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ތަކައިޗީ ވަނީ ޖަޕާނުގައި ކާބޯތަކެތިން ނަގާ އަށް އިންސައްތައިގެ ޓެކްސް އުވާލުމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ޖަޕާނަކީ އެމެރިކާ ގޮތަށް އިންތިހާއަށް ދަރަނި ބޮޑު ގައުމެކެވެ.
އެހެންކަމުން ކާބޯތަކެތިން ނަގާ އަށް އިންސައްތައިގެ ޓެކްސް ކަނޑާލައިފިނަމަ ދަރަނި އަދާކުރުމުގައި ޖަޕާން އިތުރަށް ފަހަތަށްގޮސް ދަރަނި އާދަޔާ ޚިލާފަށް އިތުރު ވެގެންދާނެ ކަމަށްވަނީ ބެލެވިފައެވެ.
ޖަޕާނުގައި ކާބޯތަކެތިން ނަގާ އަށް އިންސައްތައިގެ ޓެކްސް އިން އަހަރަކު 30 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީ އެއް ދައުލަތަށް ލިބެއެވެ. މި ޓެކްސް ކަނޑާލުމުން އާންމުންގެ ޖީބުތަކަށް ލުއިވިނަމަވެސް މިއިން ދައުލަތަށް ލިބޭ 30 ބިލިޔަން ޑޮލަރު ހޯދާނެ ގޮތެއް ތަކައިޗީ ގެ ސަރުކާރަށް ބުނެދެވިފައެއް ނުވެއެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވާގޮތުގައި ތަކައިޗީއަށް ތާއީދު ބޮޑީ ޒުވާނުންނާއި މުސްކުޅިންގެ މެދުގައެވެ. މެދުއުމުރުގެ މީހުންނާއި މަސައްކަތު އުމުރުގެ މީހުންގެ މެދުގައި ތަކައިޗީއަށް ތާއީދު ކުޑައެވެ.
ތަކައިޗީ ވަނީ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފިނަމަ ޖަޕާނުގެ ސިފައިންގެ ލަޝްކަރުތައް ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާނެކަމަށް ކޭންޕޭންގައި ވައުދުވެވަޑައިގެންފައެވެ. މިއީ ވަރަށް ޚަރަދު ބޮޑުކަމެކެވެ. އަދި މިކަމުގެ ސަބަބުން ޖަޕާނުގެ އަވަށްޓެރި ދެ ކޮރެއާއި ޗައިނާ އާ ޖަޕާނުގެ ގުޅުންތައް އިތުރަށް ގޯސްވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.
ޖަޕާނަކީ އެގައުމުން އިސްތިއުމާރީ ދައުރު އަދާކުރަމުން ގެންދިޔަ ދުވަސްވަރު ޗައިނާއަށާއި ދެކޮރެއާ އަށް ބޮޑެތި ގެއްލުންތަކެއް ދިން ގައުމެކެވެ. ޖަޕާނުން އިސްތިއުމާރީ ދައުރު އަދާކުރި ދުވަސްވަރު ޖަޕާން ސިފައިންވަނީ ޗައިނާއާއި ކޮރެއާއަށް (ދެކޮރެއާ އެއްކޮށް އޮތް ދުވަސްވަރު) އަރައިގަނެ އެދެގައުމަށް ބޮޑެތި ގެއްލުންތަކެއްދީ އެދެގައުމުގެ އެތަށް ލައްކަ އަންހެނުން ރޭޕްކޮށްފައެވެ.
މި ކަމުގެ ސަބަބުން ޗައިނާއާއި ކޮރެއާގެ އެތަށް ލައްކަ ޒުވާން އަންހެނުންގެ ދިރިއުޅުންވަނީ ބަރުބާދުވެފައެވެ. ބައެއް އަންހެނުންވަނީ އަމިއްލައަށް މަރުވެސް ވެފައެވެ. މިކަމުގެ ބަދަލު ދިނުމަށް ޖަޕާން ގެންދަނީ އިންކާރު ކުރަމުންނެވެ.