ޖަޕާނުގެ އިބަރާކީ ޕްރިފެކްޗާގެ ކޯގާ ސިޓީގައި، އެއް ގެއެއްގައި ދިރިއުޅެމުންދިޔަ އަންހެނެއްގެ ތުންފަތް ތިނޯހަކާއި ރޮދިން ފަހައިލި ކަމުގެ ތުހުމަތުގައި 49 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސައެ ސަކުރާއީ ނަމަކަށް ކިޔާ މީހެކެވެ. ޖަޕާނުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.
އަނިޔާ ލިބުނު 42 އަހަރުގެ އަންހެން މީހާ ސަލާމަތްވީ އޭގެ އަނެއް ދުވަހު، މޫނުމަތީގައި މާސްކެއް އަޅައިގެން ކައިރީގައި ހުރި ފިހާރައަކަށް ގޮސް، "އަހަރެންނަށް އެހީތެރިވެދީ" މިހެން ލިޔެފައިވާ ކަރުދާސްކޮޅެއް ފިހާރައިގެ މުވައްޒަފަކަށް ދިނުމުންނެވެ. އެއާއެކު އެ މުވައްޒަފު ވަނީ ފުލުހުންނަށް ގުޅައިފައެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު މީހާ އައީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަކުރާއީއާއެކު އެއް ގެއެއްގައި ދިރިއުޅެމުންނެވެ. އަދި އޭނާއަށް ކުރިން އެ ގެއިން ފިލަން ނުކެރުނީ ސަކުރާއީދެކެ ގަންނަ ބިރެއްގެ ސަބަބުން ކަމަށް އޭނާ ފުލުހުންނަށް ކިޔައިދީފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު ބަޔަކު އުޅުނު ކަމަށް ބެލެވޭތީ، ފުލުހުން އަންނަނީ އެ މީހުންނާ ސުވާލުކުރަމުންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަކުރާއީއަކީ ގެދޮރު ނެތް މީހުންނަށާއި އެކި ސަބަބުތަކާ ހުރެ ގެއިން ނުކުމެގެން އުޅޭ މީހުންނަށް އޭނާގެ ގޭގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އައި މީހެކެވެ.
މި ތުހުމަތުތަކަށް ސަކުރާއީ އެއްބަސްވިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.