މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، އެއްވެސް ބަދަލެއް ނުގެނެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ފަސް މިނެޓަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް، ބަދަލެއް ނުގެނެސް، އެ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އިސްލާހު ފާސްކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.
އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.
ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ.
ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.