ސްމާޓްފޯނަށް ގޮންޖަހާލުމަށް މަސްކް އޭއައި ޑިވައިސް އެއް އުފައްދަނީ

މަސްކް ބުނީ އެއީ ފޯނެއް ނޫންކަމަށް ---

ސްޕޭސް އެކްސްގެ ސެޓެލައިޓް އިންޓަނެޓް ވިއުގަ "ސްޓާލިންކް" އާ ސީދާ ގުޅައިލެވޭ ފަދަ މޮބައިލް ޑިވައިސްއެއް އީލޮން މަސްކްގެ ކުންފުނިން އުފައްދަމުންދާ ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑިވައިސް އުފެއްދުމުގެ މަގްސަދަކީ މިހާރު މާކެޓުގައި ހުރި ސްމާޓްފޯންތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވުމެވެ. ނަމަވެސް މިއީ "ފޯނެއް" ނޫން ކަމަށް ބުނެ އީލޮން މަސްކް ވަނީ އެއީ ސްމާޓްފޯނެއް އުފެއްދުން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

އީލޮން މަސްކްގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ސްޕޭސް އެކްސްއިން ފޯނެއް އުފައްދަމުން ނުދާ ކަމަށާއި، ނަމަވެސް އައު ޑިވައިސްއެއް އުފެއްދުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް އޭނާގެ ބަސްމަގުން ވަނީ ދޭހަވެފައެވެ.

https://sun.mv/217676

މި އައު ޑިވައިސްއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އެންމެ ފުރިހަމައަށް ހިންގޭނެ ގޮތަށް ފަރުމާކުރެވިފައިވާ، އޭއައި އަށް ޚާއްސަ ޑިވައިސްއަކަށް ވާނެ ކަމަށް ބެލެވެއެވެ.

މަސްކް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ޑިވައިސްއެއް ވާނީ މިހާރުގެ ފޯނުތަކާ ވަރަށް ތަފާތު، އޭއައި ނިއުރަލް ނެޓްވޯކްތަކަށް ޚާއްސަ އެއްޗަކަށެވެ.

ސްޕޭސް އެކްސްއިން ދާދިފަހުން ވަނީ މަސްކްގެ އަމިއްލަ އޭއައި ކުންފުނި "އެކްސްއޭއައި" ގަނެފައެވެ. އެހެންކަމުން މި އައު ޑިވައިސްއަކީ ސްޓާލިންކް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް "ގްރޮކް" ފަދަ އޭއައި ޚިދުމަތްތައް ބޭނުންކުރެވޭނެ ވަސީލަތަކަށް ވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޕޭސް އެކްސްއިން މިހާރުވެސް ދަނީ ޓީ-މޮބައިލް ފަދަ ކުންފުނިތަކާ ގުޅިގެން، އެއްވެސް އިތުރު އާލާތަކާ ނުލައި ސީދާ އާދައިގެ ފޯނުތަކަށް ސެޓެލައިޓުން ސިގްނަލް ފޯރުކޮށްދިނުމުގެ "ޑައިރެކްޓް-ޓު-ސެލް" ޓެކްނޮލޮޖީ ތަރައްގީކުރަމުންނެވެ.

އީލޮން މަސްކްގެ އިތުރުން އޯޕަން އޭއައި އާއި އެޕަލް ފަދަ ކުންފުނިތަކުންވެސް ދަނީ ފޯނުގެ ބަދަލުގައި ބޭނުންކުރެވޭނެ އޭއައި ޑިވައިސްތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މިފަދަ ބައެއް ޑިވައިސްތައް (މިސާލަކަށް ހިއުމޭން އޭއައި ޕިން) މާކެޓުގައި ނާކާމިޔާބުވެފައިވީ ނަމަވެސް، މަސްކްގެ އައު ޑިވައިސްއާ މެދު ޓެކްނޮލޮޖީ ދުނިޔޭގެ އުންމީދުތައް ވަނީ މަތިވެފައެވެ.

ސްޕޭސް އެކްސްގެ މި އައު އުފެއްދުމާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އިންޓަނެޓާއި އޭއައި ބޭނުންކުރުމުގައި އިންގިލާބީ ބަދަލެއް ގެންނާނެ ޑިވައިސްއަކަށް ވާނެ ކަމަށް މިދާއިރާގެ ބޭފުޅުން ދެކިލައްވައެވެ.

comment ކޮމެންޓް