އާޓިފިޝަލް އިންޓެލިޖެންސްގެ ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ އޯޕަންއޭއައި ކުންފުނީގެ އެންމެ ފުރަތަމަ ހާޑްވެއާ އުފެއްދުން ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމާއި، އެ އުފެއްދުމުގެ ބައެއް މައުލޫމާތުތައް ލީކުވެއްޖެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ކުންފުނީގެ ފުރަތަމަ އުފެއްދުމަކީ "ޑައިމް" ގެ ނަމުން ނަންދީފައިވާ އޭއައި އެހީތެރިކަން ލިބޭ އިޔާބަޑްސްތަކެކެވެ. މި މައުލޫމާތު އާންމުވެފައިވަނީ ޗައިނާގައި އެ ކުންފުނިން ރަޖިސްޓްރީކޮށްފައިވާ ޕޭޓަންޓަކާ ހަވާލާދީ "ސްމާޓް ޕިކާޗޫ" ނަމަކަށް ކިޔާ ޓިޕްސްޓަރެއްގެ ފަރާތުންނެވެ.
މި އުފެއްދުން ބާޒާރަށް ނެރުމުގައި އޯޕަންއޭއައި އިން ގެންގުޅޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އުސޫލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އާދައިގެ އިޔާބަޑްސްތަކެއް ނެރުމަށްފަހު، މާ ވަރުގަދަ އޭއައި ފީޗާތައް ހިމެނޭ އެޑްވާންސް މޮޑެލްއެއް ފަހުން ތައާރަފްކުރުމަށް ވަނީ ރާވާފައެވެ.
މީގެ ކުރިން ބާރުގަދަ ކޮމްޕިއުޓިން ޑިވައިސްއެއް ނެރުމަށް މަސައްކަތްކުރި ނަމަވެސް، އެޗްބީއެމް ޗިޕްތަކުގެ އަގުބޮޑުވުމާ ގުޅިގެން އެ މަސައްކަތް ވަނީ ލަސްކޮށްފައެވެ. އެހެންކަމުން 2026 ވަނަ އަހަރު އިޔާބަޑްސްގެ އާދައިގެ ވާޝަނެއް ބާޒާރަށް ނެރެ، 2027 ހިސާބުގައި އޭގެ އެންމެ ފުރިހަމަ އުފެއްދުން ޝިޕްކުރަން ފަށާނެ ކަމަށް ދިރާސާވެރިން ލަފާކުރެވެއެވެ.
ހާޑްވެއާގެ އިތުރުން، އޯޕަންއޭއައި އިން ވަނީ ކޯޑިންގްގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން "ޖީޕީޓީ-5.3-ކޮޑެކްސް" ގެ ނަމުގައި އައު މޮޑެލްއެއް ވެސް ތައާރަފްކޮށްފައެވެ. މި މޮޑެލް މިހާރު ޗެޓްޖީޕީޓީގެ ޕެއިޑް ޔޫޒަރުންނަށް ބޭނުންކުރެވޭނެއެވެ.
ކުރީގެ މޮޑެލްތަކަށްވުރެ 25 އިންސައްތަ އަވަސް މި އައު މޮޑެލްއަކީ އަމިއްލައަށް އިސްނަގައިގެން ގޭމްތައް އުފެއްދުމާއި، ސޮފްޓްވެއާ މެނޭޖްމަންޓްގެ އެންމެހާ މަސައްކަތްތައް ކުރެވޭނެހާ ބާރުގަދަ މޮޑެލްއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އޯޕަންއޭއައި އަކީ މިހާތަނަށް މުޅިންވެސް ސޮފްޓްވެއާ އަދި އޭއައި މޮޑެލްތަކަށް ޚާއްޞަވެފައިވާ ކުންފުންޏެކެވެ. ނަމަވެސް، އެ ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަން އާއި އެޕަލްގެ ކުރީގެ މަޝްހޫރު ޑިޒައިނަރު ޖޯނީ އައިވް ގުޅިގެން އޭއައި ހާޑްވެއާއެއް އުފެއްދުމަށް މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
މިފަދަ އުފެއްދުމެއް ބާޒާރަށް ނެރުމުގެ މައިގަނޑު ބޭނުމަކީ ސްމާޓްފޯނަށް ބަރޯސާނުވެ، އިންސާނުންނާ މާ ގާތުން މުޢާމަލާތުކުރެވޭނެ އޭއައި "ވެއަރަބަލް" ޑިވައިސްއެއް ތައާރަފްކުރުމެވެ. މިއީ ހިއުމަން އޭއައި ޕިން އާއި ރެބިޓް އާރް1 ފަދަ އޭއައި ޑިވައިސްތަކާ ވާދަކުރުމަށާއި، އެޕަލް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ހާޑްވެއާ އިކޯސިސްޓަމާ ކުރިމަތިލުމަށް އޯޕަންއޭއައި އިން އަޅާ ބޮޑު ފިޔަވަޅެއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.