ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ އުމާން ގައި އިއްޔެ ކުރިއަށްދިޔަ އެމެރިކާއާއި އީރާނުގެ ނިއުކްލިޔަރ މަޝްވަރާތައް ރަނގަނޅުކަމަށް ސިފަކުރައްވައި އެމެރިކާ އޮތީ މަޝްވަރާތައް ކުރިޔަށް ގެންދިޔުމުގެ ވިސްނުމުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އީރާންވެސް އެދޭކަން ވާހަކަތަކުން ހާމަވިކަމުގައެވެ. އެހެންކަމުން އެމެރިކާ އޮތީ ވާހަކަތައް ކުރިޔަށް ގެންދާ ގޮތަށެވެ. އަންނަ ހަފްތާގައި ވާހަކަތަކުގެ އިތުރު ބުރެއް އޮންނާނެކަމަށްވެސް އެމެރިކާގެ ރިޔާސީ މަތިންދާ ބޯޓު އެއާފޯސް ވަންގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
މިއާއެކު ޓްރަމްޕް އީރާނަށް އިންޒާރުވެސް ދެއްވިއެވެ. ޓްރަމްޕް ވިދާޅުވީ އީރާނާ ކައިރި ހިސާބެއްގައި އެމެރިކާގެ އަސްކަރީ ބިޔަ ބާރެއް އޮންނާނެކަމަށާ އަދި އެމެރިކާގެ އިތުރު ބާރުތައްވެސް އެސަރަހައްދަށް ފޮނުވާނެ ކަމުގައެވެ. ޓްރަމް ވިދާޅުވީ އިއްޔެ ބޭއްވި ވާހަކަތައް ވަރަށް ރަނގަނޅު ކަމުގައެވެ.

ވާހަކަތަކުގައި ބައިވެރިވި އީރާނުގެ ވަފުދު
ޓްރަމްޕަކީ ދެފަހަރު އެއްގޮތަކަށް ވާހަކަ ދައްކަވާ އަދި ބަހާއި އަމަލު އެއްގޮތަކަށްވެސް ދިމާވާ ބޭފުޅެއް ނޫނެވެ. މިކަންވަނީ ވަރަށް ގިނަފަހަރު އަމަލީގޮތުން ސާބިތުބވެފައެވެ. ނޫސްވެރިންނާއި ޑިޕްލޮމޭޓުންވެސް މިކަން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.
މީގެކުރިން މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރަމްޕް މިގޮތަށް އީރާނާ މަޝްވަރާކުރެއްވިއެވެ. އަދި ކުރެވުނު މަޝްވަރާތައް ރަނގަނޅުކަމަށާ ވާހަކަތައް ކުރިޔަށް ގެންދަވާނެކަމަށް އެތަށް ފަހަރަކު ވިދާޅުވިއެވެ.
ނަމަވެސް ފެނިގެން ދިޔައީ ޓްރަމްޕްގެ ރުހުމާއެކު އިސްރާއީލުން ކުއްލިގޮތަކަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހިމެނޭގޮތަށް އީރާނަށް ވަރުގަދަ ހަމަލާތަނެއް ދޭން ފެށިތަނެވެ. އެއަށްފަހު އިސްރާއީލުގެ އެދުމަށް ޓްރަމްޕްވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އެމެރިކާގައިވާ އެންމެ ބާރުގަދަ ބޯޓުތައްކަމަށްވާ ބީޓޫ ގެ ބޯޓުތަކުން އީރާނުގެ ނިއުކްލިޔާ ދެމަރުކަޒަކަށް ބޮން އެޅިއެވެ.
އެއަށްފަހު ހަމަލާތައް މުޅިން ކާމިޔާބު ކަމާއި އީރާނުގެ ނިއުކްލިޔާ މަޝްރޫއު އެއްކޮށް ފުނޑާލެއްވިއްޖެކަން ޓްރަމްޕް އިއުލާން ކުރެއްވިއެވެ. ނަމަވެސް އަނެއްކާ އޭގެ ހައެއްކަ މަސްފަހުން އަނެއްކާ ޓްރަމްޕް މިއުޅުއްވަނީ އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރާކަމަށް ވިދާޅުވެ އީރާނަށް ބިރު ދެއްކެވުގައެވެ. ނިއުކްލިޔާ މައްސަލައާއި އެނޫން މައްސަލަތައް ނެރެގެން އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރުތައް އަލުން ޓްރަމްޕް ވަނީ ދެއްވަން ފައްޓަވާފައެވެ.

ވާހަކަތަކުގައި ބައިވެރިވި ޓްރަމްޕްގެ ވަފުދު
މިފަހަރު ޓްރަމްޕް އީރާނާ ދިމާކޮށްލީ އީރާނުގައި ސަރުކާރާ ދެކޮޅަށް އާންމުންގެ ބަޔަކު ކުރި މުޒާހަރާތަކެއްގެ ތެރެއަށް އެމެރިކާގެ އެޖެންޓުންތަކެއް ވައްދައިގެންނެވެ. އެމީހުން ލައްވައި އީރާނުގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައިގެންނެވެ.
ޓްރަމްޕާއި އޭނާގެ ފަހަތުގައިވާ ޔަހޫދީ އިސްރާއީލު ވަނީ އެމެރިކާ ތާއީދުކުރާ އަދި އެމެރިކާގެ މަދަދު ލިބޭ ބަޔަކު އީރާނުގެ މުޒާހަރާތަކުގެ ތެރޭގައި ހަރަކާތްތެރިވާކަމަށް އެދުވަސްވަރު އިއުތިރާފް ވެފައެވެ. އީރާން ބުނާގޮތުން އެއީ އެމެރިކާއާއި އިސްރާއީލުން ހަތިޔާރު ދީފައި އީރާނުގެ ވެރިކަން ބަދަލުކޮށްލުމަށް ފޮނުވި ޓެރަރިސްޓުންތަކެކެވެ.
އެމީހުން އީރާނުގެ އެތަށް އާންމުންނާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ އެތަށް ބަޔަކު މަރައި މަދަނީ އިމާރާތްތަކުގައި ހުޅުޖަހައި ޓެރަރިޒަމްގެ އެތަށް އަމަލުތަކެއް ހިންގިކަމަށާ ޓެރަރިޒަމަށް ވާގިވެރިވި ދެގައުމަކީ އެމެރިކާއާއި އިސްރާއީލު ކަމަށް އީރާން ވަނީ ބުނެފައެވެ.
މަހެއްހާ ދުވަހުގެ ހަމަނުޖެހުންތަކަށްފަހު އީރާންވަނީ ހަމަނުޖެހުންތައް ހިންގި ގިނަ ބަޔަކު މަރާލުމަށްފަހު ދެންތިބި މީހުން ހައްޔަރުކޮށްފައެވެ. ދެން ޓްރަމްޕް ތެދުވެވަޑައިގެނެވީ އެމީހުންގެ ދިފާއުގައެވެ. އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި މަރުގެ އަދަބުދިނުންފަދަ ކަންކަން ކޮށްފިނަމަ އީރާނަށް ހަމަލާދޭނެކަމުގެ ބިރުދައްކަން ޓްރަމްޕް ފެއްޓެވިއެވެ.
އެއަށްފަހު އެމީހުންނަށް މަރުގެ އަދަބު ނުދޭނެކަމުގެ އިޝާރާތްތަކެއް އީރާނުން ލިބިއްޖެކަމަށް ވިދާޅުވެ ޓްރަމްޕް މައިތިރިވިއެވެ. ނަމަވެސް އެއަށްފަހު އަނެއްކާ ޓްރަމްޕް އީރާނަށް އިންޒާރު ދެއްވަން ފެއްޓެވިއެވެ.
މިފަހަރު ވިދާޅުވީ އީރާނުން ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޓެކްނޮލޮޖީގެ ސިނާއަތު ވަރަށް ބޮޑަށް ތަރައްގީ ކުރަމުން ގެންދާކަމަށާ އެދެ ސިނއަތު އެއްކޮށް ދޫކޮށްލަންޖެހޭނެ ކަމުގައެވެ. އަދި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނާއި ލުބްނާނުގެ ޖަމާއަތްތަކަށާއި ޔަމަންގެ ހޫޘީންފަދަ ޖަމާއަތްތަކާ އީރާން ގުޅުންތައްވެސް ކަނޑާލަން ޖެހޭނެކަމަށާ އެހެންނޫނީ އީރާނަށް ހަމަލާ ދޭނެކަމުގައެވެ.
ނަމަވެސް އީރާންވަނީ ކަނޑައެޅިގެން މިކަންކަމަށް އިންކާރުކޮށް ޓްރަމްޕަށް ނޫނެކޭ ބުނެފައެވެ. ހަމަލާދީފައި އެމެރިކާއަށް ނުފިލޭނެކަމަށް ބުނެ ހަމަލާދީފިނަމަ އިސްރާއީލަށް ވަރުގަދަ ރައްދެއްވީ ސަރަހައްދުގައި ދިގުލީ ހަނގުރާމައެއް ފަށައި ހުރުމުޒު ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު އީރާންވަނީ ޓްރަމްޕަށް ދީފައެވެ.
މިއާއެކު އީރާނާއެކު ވާހަކަ ދެއްކުމަށް ތުރުކީއާއި ސައޫދީ އަދި މިސްރު ފަދަ ގައުމުތަކުން ޓްރަމްޕަށް ބާރުއަޅަން ފެށިފައެވެ. އީރާން ބުނިގޮތުގައި ވާހަކަ ދައްކާނީ ހަމައެކަނި ނިއުކްލިޔާ ޕްރޮގްރާމް އާބެހޭގޮތުން އެކަންޏެވެ.
ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އެއްބަސްވެވޭ މިންވަރަކަށް ދަށްކޮށް އޭގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ގޮތުގެ މަތިންނެވެ. އެންމެފަހުން އިއްޔެ އުމާންގެ ވެރިރަށް މަސްގަތުގައި އެމެރިކާއާއި އީރާނާ ދެމެދު ވަހަކަ ދެއްކީ ހަމައެކަނި މިމައްސަލައާ ބެހޭގޮތުންކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.