އެމެރިކާއިން ކަނޑުއޮޅި ހިސާރުކުރި ނަމަވެސް 25 އުޅަނދު ދަތުރުކޮށްފި

އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ހިސާރުކޮށްފައި އޮތް ނަމަވެސް އުޅަނދުތައް އަންނަނީ ދަތުރުކުރަމުން. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން ހުރްމޮޒް ކަނޑުއޮޅި ހިސާރުކޮށްފައި އޮތް ނަމަވެސް އެ މަގުން އަދިވެސް އުޅަނދުތައް ދަތުރުކުރަމުންދާ ކަމަށާއި، މިހާތަނަށް 25 އުޅަނދު ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އީރާން ގަޑިން ހޯމަ ދުވަހުގެ ހަވީރު 5.30 ގައި ބްލޮކޭޑް ފެށި ފަހުން 14 އުޅަނދެއް ގަލްފަށް ވަދެފައިވާއިރު، މި މުއްދަތުގައި ހަތް އުޅަނދެއް ވަނީ ކަނޑުއޮޅިން ނުކުމެފައެވެ.

ޖުމްލަ 25 ބޯޓު ކަނޑުއޮޅިން ދަތުރުކޮށްފައިވާއިރު، އަންގާރަ ދުވަހު ޖީއެމްޓީން 20:10 ގެ ނިޔަލަށް އަންގާރަ ދުވަހުގެ ނިޔަލަށް 13 ބޯޓު އެތަނުގައި އޮތް ކަމަށް ކަމާބެހޭ މަސްދަރުތަކާ ހަވާލާދީ އަނަދޮލް އެޖެންސީ ރިޕޯޓުކޮށްފައިވެއެވެ.

އެ އުޅަނދުތަކުގެ ތެރެއިން ހަތަރު އުޅަނދަކީ ޓޭންކަރުތަކެއް ކަމަށާއި އޭގެ ތެރޭގައި ލައިބީރިއާގެ ދިދަ ޖަހާފައިވާ ޑްރައި ބަލްކް އުޅަނދު ކްރިސްޓިއާނާ އާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރުތަކެއް ކަމަށްވާ ރިޗް ސްޓާރީ އާއި މުރްލިކިޝަން އަދި ޕެނަމާގެ ދިދަ ޖަހާފައިވާ ޕީސް ގަލްފް ހިމެނެއެވެ.

މެރިންޓްރެފިކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތައްވެސް ވަނީ ކަނޑުއޮޅި ހުރަސްކޮށްފައެވެ.

އެ ހަތަރު ޓޭންކަރު ކަނޑުއޮޅިން ހުރަސްކޮށްފައިވާއިރު، ގްވާޑާ ބޭ އާއި ރަސް އަލް ހައްދު އާއި ދިމާލުން އެމެރިކާއިން ހިސާރުކޮށްފައިވާ ލައިން ކައިރިއަށް ކުރިއަށް ދިއުމުގެ ކުރިން ހުއްޓާފައިވާ ކަަމަށް ބެލެވޭ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އަންގާރަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 2،000 އުޅަނދު ގަލްފް ފަރާތުގައި ތާށިވެފައިވާއިރު، 400 އެއްހާ އުޅަނދު ހޮރްމުޒް މެދުވެރިކޮށް ގަލްފަށް ވަނުމަށް ކިޔޫގައި އެބައޮތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިސާރުކޮށްފައި ވަނީ ގްވާޑާ ބޭ އާއި ރަސް އަލް ހައްދު އާއި ދެމެދު އޮންނަ ލައިނެއްގައި ކަމަށާއި އެ އޮޕަރޭޝަން ފެށުނު ފަހުން ވެސް ބޮޑެތި އުޅަނދުފަހަރު ދަތުރު ކުރަމުން އަންނަ ކަމަށެވެ.

ޓެންކާޓްރެފިކް އިން ބުނީ ބައެއް އުޅަނދުތަކުން އެމީހުންގެ އައިޑެންޓިޓީ ފޮރުވުމަށް ފޭކް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ސިގްނަލްތައް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ.

އެެމެރިކާއިން ކަނޑުއޮޅި ހިސާރުކުރީ އީރާނާއެކު ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަކަށް އާދީއްތަ ދުވަހު ޖީއެމްޓީން 14:00 ގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނީ، އެ މީހުންގެ ބްލޮކޭޑް ވަރުގަދަކޮށް އެބައޮތް ކަމަށާއި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުގެ ބަނދަރުތަކުން ނިކުމެގެން ދިޔަ ހަ އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުުކުރުމަށް ހުރަސް އަޅާފައެވެ.

comment ކޮމެންޓް