ޕާކިސްތާނުގައި ބޭއްވި އެމެރިކާއާއި އީރާނުގެ ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެފައިވާއިރު، ދެވަނަ ބުރެއްގެ މަޝްވަރާތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުންނާއި ޑިޕްލޮމެޓުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް، އޭޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ އަވަހަށްވެސް ބުރާސްފަތި ދެ ފަރާތުން ދެވަނަ ބުރުގެ މަޝްވަރާއަކަށް ދާނެއެވެ.
މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުގައި ބޭއްވި ބައްދަލުވުމަށް ފަހުވެސް އީރާނާއި އެމެރިކާއާއި ދެމެދު މެސެޖުތައް ބަދަލުކުރާ ކަމަށް, މެދުއިރުމަތީގައި ދިރިއުޅޭ ޑިޕްލޮމެޓަކާއި މަޝްވަރާތަކުގައި ބައިވެރިވި މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ.
އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ އެމެރިކާ އާއި އީރާނާ ދެމެދު ގުޅުން ކުރިއަށްދާ ކަމަށާއި އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށެެވެ.
އެމެރިކާގެ ދެ އޮފިޝަލަކާއި އެ މައްސަލައަށް އަހުލުވެރި މީހަކާ ހަވާލާދީ އޭޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ފަރާތުން ސީދާ މަޝްވަރާތައް ކުރާނެއެވެ.
ދެވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދިއުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށާއި، ތަނާއި ވަގުތު ކަނޑަނޭޅި ނަމަވެސް މަޝްވަރާތައް ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ވަރަށް ބޮޑަށް ބެެލެވޭ ކަމަށް އޭޕީ ނޫހުން ބުނެފައިވެއެވެ.
މި ފަހަރުގެ މަޝްވަރާތަކުގައި މާހިރުންގެ ފެންވަރުގައި ބައްދަލުވުންތައް ކުރިއަށް ގެންދިއުމާއި، ޚާއްޞަކޮށް ޕާކިސްތާނާއި، ތުރުކީއާއި، މިޞްރު ފަދަ ގައުމުތަކުން މެދުވެރިންގެ ރޯލު އަދާކުރުމުގެ ފުރުސަތު ބޮޑު ކަަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެ މިދިޔަ އާދީއްތަ ދުވަހު ނިންމާލާފައިވާއިރު، އެއްބަސްވުމަކަށް ނާދެވުމުން އެެމެރިކާއިން ވަނީ އީރާނުން ކޮންޓްރޯލު ނަގާފައިއޮތް ހުރްމުޒް ކަނޑުއޮޅިން އީރާނަށް ދަތުުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.