ރައްޔިތުންގެ ޝަކުވާތައް ބަލަން، 24 ގަޑިއިރު ޚިދުމަތް ދޭ ބިއުރޯއެއް ރައީސް އޮފީހަށް

ރައީސް މުއިއްޒު: ރައްޔިތުންގެ ޝަކުވާތައް ބަލަން، 24 ގަޑިއިރު ޚިދުމަތް ދޭ ބިއުރޯއެއް ރައީސް އޮފީހުގައި ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން، 24 ގަޑިއިރު ޚިދުމަތް ދޭ ބިއުރޯއެއް ރައީސް އޮފީހުގައި ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވީހާވެސް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްގެންދާ ސަރުކާރެއްގެ ގޮތުގައި ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅާ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އޮފީހެއް ހުޅުވާނެ ކަމަށެވެ. އެ އޮފީސް ހުންނާނީ، 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ރައީސް އޮފީހުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސޯޝަލް މީޑިއާއާއި ސިޓީގެ ޒަރިއްޔާއިންނާއި އެކި ވަސީލަތްތަކުން ލިބޭ ޝަކުވާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، އިންތިޒާމު ހަމަޖައްސައި އެ ޝަކުވާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ޖަވާބު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް އޮޓޮމޭޓެޑް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެ ނިޒާމުން، އެކިއެކި ޕްލެޓްފޯމެއް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅާ ހުރިހާ ޝަކުވާއެއް ރެކޯޑުކޮށް، ޖަވާބު ދީ ނިމެންދެން ޓްރެކް ކުރަމުންދާނެ ކަމަށެވެ.

އެ ބިއުރޯގެ ބައެއްގެ ގޮތުގައި ކޯލް ސެންޓަރެއް ވެސް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސެންޓަރުން ވެސް 24 ގަޑިއިރަށް ޚިދުމަތް ލިބޭނެ ކަމަށާއި ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ލިބޭ ޝަކުވާތަކަށް ޖަވާބު ދިނުމަށް، ޖަވާބުދާރީކުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބިއުރޯގައި މަސައްކަތް ކުރާނެ އައު މުވައްޒަފުން ނެގުމުގެ ބަދަލުގައި، ރައީސް އޮފީހާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށް، ކަމާ ގުޅޭ ތަމްރީނު ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އެ އިދާރާ ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ގާއިމުކޮށް، ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ސަރުކާރުން ރައްޔިތުންނަށް ސުވާލުކުރުމަށް ފުރުސަތު ދިނުމަށް ފަށައިފައިވާ ހަރަކާތްތަކުގެ ތެރޭގައި، މިނިސްޓަރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމާއި، ރައީސަށް ސުވާލު ފޮނުވުމުން އެ މަނިކުފާނު ޖަވާބު ދެއްވާ "ރައީސްގެ ޖަވާބު" ސިލްސިލާ ހިމެނެއެވެ.

comment ކޮމެންޓް