ޕެންޝަން ފަންޑާ ކުޅުމަކީ ގޯހެއް، މިދަނީ އަނދަވަޅަކަށް: ނަޝީދު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު: -- ފޮޓޯ: މަޖިލިސް

ޕެންޝަން ފަންޑު އުފައްދާފައިވާ މަގުސަދާ ހިލާފަށް އެ ފަންޑުން ފައިސާ ނަގައިގެން ބޭނުން ކުރުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

https://www.sun.mv/217447

އެ ބޭފުޅުން އިސްތިއުފާ ދެއްވައިފަވަނިކޮށް ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުން ކުރަން, މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން އިއްޔެ ފާސްކޮށްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ޕެންޝަން އޮފީހަށް ގުޅުމުން އެކަން ދޮގު ނުކުރާތަނުގައި ތެދުވެސް ނުކުރެއެވެ. އެއޮއް ބޮޑު ނިންމުމާ ގުޅޭ ގޮތުން އިސްވެ މައުލޫމާތު ހާމަ ނުކުރާތަނުގައި ގުޅާ ސުވާލު ކުރުމުން ވެސް އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ.

ނަޝީދުގެ ވެރިކަމުގައި އަމަލު ކުރައްވަން ފެއްޓެވި ޕެންޝަން ގާނޫނާ ގުޅޭގޮތުން އެ މަނިކުފާން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފަންޑު އުފެއްދެވީ ވަކި ޚާއްސަ ބޭނުމެއް ފުއްދަން ކަމަށެވެ. އެއީ ވަޒީފާ އަދާ ކުރާ މީހުންނާއި ވަޒީފާ ދޭ ފަރާތް ހިމެނޭ ގޮތަށް މުސާރައިގެ 14 ޕަސެންޓް ފަންޑަށް ޖަމާ ކުރުން ކަމަށާއި އޭގެ މަގުސަދަކީ ދޮށީ އުމުރުގައި ޕެންޝަން ދިނުމަށް ފައިސާ ރައްކާ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އެ ފަންޑުގެ ފައިސާ އެ ބޭނުން ނޫން އެހެން ކަމަކަށް ހަރަދު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް, ޕެންޝަން އޮފީސް ވެސް އުފެއްދެވި ނަޝީދު ވިދާޅުވިއެވެ.

"ކޮންމެ މަހަކު ވެސް ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި ވާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓް ކުރަން. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދު ކޮށްގެން ނުވާނެ," ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ."

ކަންބޮޑުވުންތަކަށް ފަހު ނަޝީދު ވިދާޅުވީ އަޅުގަނޑުމެން މި ދަނީ ކަނު ބަނދެވި ތިބެ, އަނދަވަޅަކަށް ވެއްޓެން ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ މަސްލަހަތާ ގުޅިފައިވާ ޕެންޝަން ފަންޑު މި ގޮތަށް ބޭނުން ކުރަން އުޅޭތީ މާލީ ދާއިރާ އާއި ސިޔާސީ ދާއިރާގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މިއީ ޕެންޝަން ފަންޑަށް ވެވޭ އިހުމާލެއް ކަމަށާއި މިއީ ފައިސާ ޗާޕް ކުރުންފަދަ ކަމެއް ކަމަށް ބައެއް ބޭފުޅުން ސިފަ ކުރައްވަވައެވެ.

comment ކޮމެންޓް