ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އައްޔަން ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

ވަޙީދު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ, ހުތުރު, ބޮޑެތި, ތުހުމަތުތަކެއް ކޮށް, ޖަލަށް ލާފައި ވަނިކޮށް 2019 ވަނަ އަހަރު މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީންއާއި ވަހީދު, މެއިލް މެދުވެރިކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅުތަކެއް އާއްމު ވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ވަހީދުގެ އިސްތިޢުފާގެ ސިޓީ ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެޕްސްޓީން ފައިލްގައި ލީކްވެފައިވާ ވާހަކަތަކާ ގުޅޭގޮތުން ވަހީދު ވިދާޅުވީ އޭނާއާއެކު މާލީ އެއްވެސް މުއާމަލާތެއް ނުހިންގަވާ ކަމަށާއި އޭނާއާ ބައްދަލުކުރެއްވިއިރު، ކުރެވޭ ތުހުމަތުތައް ސާފުވެފައި ނުވާ ކަމަށެވެ.

https://sun.mv/217529

ރައީސް މުއިއްޒުގެ އެންވޯއިއަކަށް, ވަހީދު އައްޔަން ކުރެއްވީ މީގެ އަށް މަސް ކުރިން, މެއި, 26, 2025 ގައެވެ. އެއީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށްޓަކައެވެ.

ވަހީދަކީ ސިޔާސީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް ވަރަށް ގިނަ ތަޖުރިބާ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާން ވަނީ, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އެ މަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

އެޕްސްޓީންގެ ފައިލްތަކާއެކު އެމެރިކާގެ ކުރީގެ ބައެއް ރައީސުންކަމަށްވާ ޖޯޖް ބުޝް، ބިލްކްލިންޓަން ފަދަ ބޭފުޅުންނާއި ބިލްގޭޓްސްފަދަ އެމެރިކާ މަޝްހޫރު އެތައް މަހުޖަނަކުވެސް ވަނީ ބޭޒާރުވެފައެވެ.

މީގެ އިތުރުން ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ ބައެއް މަސްއޫލުވެރިންނާއި ނޯވޭގެ ކްރައުން ޕްރިންސެސް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޝާހީ އާއިލާތަކުގެ އިސްބޭފުޅުންވެސް ވަނީ ބޭޒާރުވެފައެވެ.

comment ކޮމެންޓް