އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލަން އެއްބަސްވުމުން، އެމެރިކާއިން ޓެރިފް ކުޑަކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ---

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ 18 އިންސައްތައަށް ކުޑަކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މި ނިންމެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕާ ފޯނުން ގުޅުއްވައި ވަރަށް އުފާވެރި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

"މޭޑް އިން އިންޑިއާ" ނުވަތަ އިންޑިއާގައި އުފައްދާ ތަކެތިން ނަގާ ޓެރިފް 18 އިންސައްތައަށް ކުޑަކުރަން ނިންމެވި ނިންމެވުމަކީ އިންޑިއާގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން މޯދީ ފާހަގަކުރެއްވިއެވެ.

މި ނިންމެވުމަށްޓަކައި އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ ނަމުގައި ރައީސް ޓްރަމްޕަށް މޯދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯދީ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު އަދި ދެ ޑިމޮކްރަސީ ގުޅިގެން މަސައްކަތް ކުރުމަކީ ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށްޓަކައި ރައީސް ޓްރަމްޕް ގެންގުޅުއްވާ ލީޑަޝިޕަށް މޯދީ ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އިންޑިއާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ފަހަކަށް އައިސް އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކާއެކު، އިންޑިއާގެ އުފެއްދުންތަކަށް މިހާރު ދިން ލުޔަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ ފެކްޓަރީއެއް: އިންޑިއާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ޓްރަމްޕް ދެއްވި -- ފޮޓޯ/ އޭއެފްޕީ

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ނިންމި ނިންމުމަކީ ރައީސް ޓްރަމްޕާއި ބޮޑުވަޒީރު މޯދީއާ ދެމެދު ވެވުނު ޚާއްޞަ އެއްބަސްވުމެއް ނުވަތަ 'ޑީލް' އެކެވެ.

މި ޑީލްގެ ދަށުން، އިންޑިއާއިން ދެން މީގެ ފަހުން ރަޝިއާގެ ތެޔޮ ނުގަންނާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓްކުރެއެވެ.

މިއީ ރަޝިއާގެ ތެލަށް ބަރޯސާވުން ހުއްޓާލުމަށް އިންޑިއާއިން ނިންމި މުހިންމު ނިންމުމެއް ކަމަށް ބެލެވޭއިރު، އިންޑިއާގެ އުފެއްދުންތަކުން ޓެރިފް ކުޑަކުރުމާއި، ވިޔާފާރީގެ ކަންކަމަށް ލުއިތައް ދޭން ޓްރަމްޕް ނިންމި މި ނިންމުމަކީ މި ޑީލްގެ ދަށުން ދޭ ބަދަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނާތީ އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދެއްވައިފައެވެ. ރަޝިއާއިން ޔޫކްރޭނުގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ފާއިތުވި އަހަރުތަކުގައި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

އިންޑިއާއިން މިހާރު ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލިއިރު، އެ ގައުމުން ކޮންމެ ދުވަހަކު ރަޝިއާއިން 1.5 މިލިއަން ފީފާގެ ތެޔޮ އެތެރެކުރާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި އިންޑިއާއަށް އެތެރެކުރާ ތެލުގެ ތިންބައިކުޅަ އެއްބަޔަކީ ވެސް، ރަޝިއާއިން ގެންދާ ތެޔޮ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް