މިދިޔަ ޑިސެންބަރުގެ ރެކޯޑް މުގުރާލައި، ފަތުރުވެރިން އެންމެ ގިނައިން އައި މަހަކަށް ޖަނަވަރީ

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: މިދިޔަ ޑިސެންބަރުގެ ރެކޯޑް މުގުރާލައި، ފަތުރުވެރިން އެންމެ ގިނައިން އައި މަހަކަށް ޖަނަވަރީ ވަނީ ވެފައި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގެ ތާރީޚުގައި، އެއް މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ މި ނިމުނު ޖަނަވަރީ މަހު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޖަނަވަރީ މަހު ރާއްޖެއަށް 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ، އެއް މަސް ތެރޭ ފަތުރުވެރިން އެންމެ ގިނައިން އައި މަހުގެ ރެކޯޑު މީގެ ކުރިން ގާއިމު ކުރި މަސް ކަމަށްވާ، މިދިޔަ ޑިސެންބަރު މަހު އައި ފަތުރުވެރިންނަށް ވުރެ 333 ފަތުރުވެރިން އިތުރު އަދަދެކެވެ. އެގޮތުން އެ މަހު އައިސްފައިވަނީ 224,455 ފަތުރުވެރިންނެވެ.

މީގެ ކުރިން އެ ރެކޯޑު ގާއިމުކޮށްފައިވަނީ ފެބްރުވަރީ 2024ގައެވެ. އެއީ 217,392 ފަތުރުވެރިންނާއެކުގައެވެ.

ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ މި އަހަރު ފަތުރުވެރިކަމަށް ވަރަށް އުއްމީދީ ފެށުމެއް ކަމަށެވެ. އަދި މިއީ، އެންމެ އެއްކޮށް އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ފަތުރުވެރިން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުން، މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައީ 11 ވަނަ ދުވަހެވެ. އެ ދުވަހު 9،596 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މުޅި މަހަށް ބަލާއިރު، ޖަނަވަރީ މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 4.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުގެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިންނެވެ. އަދި މިހާރު ދެވަނައިގައި އޮތީ މިދިޔަ އަހަރު ފަސް ވަނައިގައި އޮތް އިޓަލީ ކަމަށްވާއިރު، މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށްވާ ޗައިނާ އޮތީ ލިސްޓުގެ ތިން ވަނައިގައެވެ. އެ ގައުމުތަކުންނާއި، އިތުރު ބައެއް ގައުމުތަކުން އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު:

  • ރަޝިއާ: 29,370 ފަތުރުވެރިން
  • އިޓަލީ: 23,171 ފަތުރުވެރިން
  • ޗައިނާ: 22,676 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 20,478 ފަތުރުވެރިން
  • ޖަރުމަނު: 14,028 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ހުރިހާ ފަތުރުވެރިންގެ ތެރެއިން 153،824 މީހުން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. އަދި ހޮޓެލްތަކަށް 6،008 މީހުން ދިޔައިރު، 59،813 މީހުން ގެސްޓްހައުސްތަކުގައި ތިބެފައިވެއެވެ.

ރާއްޖޭގައި މިހާރު 179 ރިސޯޓެއް ހިންގަމުން އަންނައިރު، 901 ގެސްޓްހައުސްއެއްވެސް ހިންގަމުންދެއެވެ.

comment ކޮމެންޓް