ރެފަރެންޑަމާއި އިންތިޚާބު އެކުގައި ބާއްވަން އިތުރަށް 20 މިލިއަން ރުފިޔާ ޚަރަދުވާނެ: ޒާހިދު

އީސީގެ ރައީސް ޒާހިދު: ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އިތުރު 20 މިލިއަން ޚަރަދުވާނެ ކަމަށް -- ސަން ފޮޓޯ

މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ލޯކަލް ކައުންސިލު އިންތިޚާބު އެއްދުވަހެއްގައި ކުރިއަށްގެންދާގޮތަށް ގާނޫނު ފާސްކޮށްފިނަމަ، އިތުރު 20 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކުރި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، އެއް ދުވަހެއްގައި މި އިންތިޚާބުތައް ކުރިއަށްގެންދާ ނަމަ، ވޯޓު ކަރުދާސް ޗާޕުކުރުމަށާއި، އޮފިޝަލުން އިތުރަށް ނަގައި އެލަވަންސް ދިނުމަށް އިތުރު ޚަރަދު ކުރަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ޚިޔާލު ހޯދުމުގެ ވޯޓަށް އިތުރު ފޮށިތައް ރަށްރަށަށް ފޮނުވަންވެސް ޚަރަދު ކުރަން ޖެހޭނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

"އެގޮތުން ހުރި ލޮޖިސްޓިކް ކަންތައްތަކެއް މީގަ އިންވޯލްވް ވާތީ އަޅުގަނޑު މި ބަލަނީ ވިއްސަކަށް މިލިއަން ރުފިޔާއިން ވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ވޯޓު ފޮށިތައް ރަށްރަށަށް ގެންދާއިރު އެމްޓީސީސީއާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަމަށާއި، ނޫންނަމަ ވޯޓުފޮށިތައް ގެންދިއުމަށް އިތުރު ޚަރަދު ގޮސް، އިންތިޚާބަށް ކުރާ ޚަރަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ލަފާކުރެއްވި ގޮތުގައި، ޚިޔާލު ހޯދުމުގެ ވޯޓު ވަކިން ބާއްވަންޏާ 60 މިލިއަން ރުފިޔާއާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބާއްވާ ނަމަ، ރާއްޖޭގެ ޑިމޮކްރަޓިކް ވެއްޓަށް ބަދަލު އަންނާނެކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ، ދެ އިންތިޚާބާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން އެކަށީގެންވާ ވަގުތު ދިނުމަށް ޓަކައި ވީ އެންމެ އަވަހަށް ގާނޫނުތައް ފާސްކުރުން މުހިންމު ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް 2024ވަނަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހު ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ލީޑަރުންގެ ތެރެއިން މައި ދެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެ އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވައިފައެވެ.

ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށް ޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް