ޙައްޖު ކޯޕަރޭޝަނުގެ ފެންވަރު މިހާތަނަށް ރަނގަޅުނުކުރެވިފައި އޮތީ ޚިދުމަތް ދޭންތިބި ވެރީންގެ އިޚުލާސްތެރިކަމެއް ނެތުމުންކަމަށް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ދައިލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަކީލް ވިދާޅުވީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފާއިތުވި ދެ އަހަރު ޙައްޖު ކޯޕަރޭޝަނަށް އިތުރުވެފައިވާ ކަމަށެވެ. އޭނާ ވަނީ އުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކެއް ހުރިއިރު، އަގަކަށް ބެލުމެއްނެތި ރައްޔިތުން ޙައްޖު ކޯޕަރޭޝަން އިޚްތިޔާރުކުރަނީ އެ ކުންފުނީގެ ފެންވަރު ރަނގަޅުވުމުން ކަމަށް ވިދާޅުވެފައެވެ.
ޝަކީލް ވަނީ އަގުތަކަށް ބަދަލެއް ނުގެނެސް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ކުރެވިއްޖެކަން ފާހަގަކުރައްވައިފައެވެ. އަދި މިއީ ކުރީ ސަރުކާރުތަކަށް ވެސް އޮތް ފުރުސަތެއްކަން ފާހަގަކުރައްވާ ޝަކީލް ވަނީ، މިހާތަނަށް ޚިދުމަތުގެ ފެންވަރު ރަނގަޅުނުކުރެވުނީ ޚިދުމަތް ދޭންތިބި ވެރީންގެ އިޚްލާސްތެރިކަމެއް ނެތުމުންކަން ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެން މި ފޯރުކޮށްދެނީ ޕްރިމިއަމް ސާވިސްއެއްކަން އެ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާ، ޖުމްލަ ގޮތެއްގައި ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ވަޑައިގެންފި ކަމަށްވާނަމަ އެބޭފުޅުންނަށް ހިތްހަމަޖެހިވަޑައިންނަވާނެ ވަރުގެ ޕްރިމިއަމް ސާވިސްއެއް އަޅުގަނޑުމެންގެ ފަރާތުން ލިބިގެންދާނެކަން. ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް
އޭނާ ވަނީ މިއަހަރު ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ފުރާ ޙައްޖުވެރީންނާއި އުމަރާވެރީންނަށް ވެސް ރަނގަޅު ފެންވަރެއްގެ ޚިދުމަތްތަކެއް ދެވޭނޭ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.