އިންޑިއާގެ އެކްޓަރު ސަލްމާން ޚާން އާއި އެކްޓަރުގެ އާއިލާގެ މެމްބަރުންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަދެއްކުން މަނާކޮށް މުމްބާއީގެ ސިވިލް ކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން ކޯޓު އަމުރެއް މެދުވެރިކޮށް އެކަން މަނާކޮށްފައިވާ މީހުންގެތެރޭގައި ޑައިރެކްޓަރު އަބީނާވް ކަޝްޔަޕް، ކޯމަލް މެހްރޫ، ހުޥްބޫ ހަޒާރޭ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ހިމެނެއެވެ. މިދިޔަ ހުކުރު ދުވަހު މުމްބާއީ ސިވިލް ކޯޓުން އަބީނާވް ހިމެނޭހެން އިތުރު ބައެއްގެ މައްޗަށް ކޯޓު އަމުރު ނެރުނީ ސަލްމާން ޚާންގެ ޓީމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސަލްމާން ޚާން އާއި އެކްޓަރުގެ އާއިލާގެ މެމްބަރުންނާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ 26 އިންޓަވިއުއެއް ހިމެނޭއިރު ޕޮޑްކާސްޓް ޝޯތަކެއް ވެސް އޭގެތެރޭގައި ހިމެނެއެވެ.
އެކްޓަރުގެ އާއިލާގެ އަބުރު ގެއްލޭފަދަ ވާހަކަތަކެއް މި އިންޓަވިއުުތަކާއި ޝޯތަކުގައި ދައްކާފައި ވާތީ އެކްޓަރުގެ ޓީމުން ވަނީ ބަދަލުގެ ގޮތުގައި ނުވަ ކްރޯޑު ރުޕީސް ހޯދައި ދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
މި މައްސަލައިގެ އިސް ފަނޑިޔާރު ޕީޖީ ބޯސާލޭ ނެރުއްވި ކޯޓު އަމުރުގެ ތަފުސީލުގައި ބަޔާންކުރެއްވި ގޮތުގައި އެއްވެސް އާއިލާއަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
ޑައިރެކްޓަރު އަބީނާވް ކަޝްޔަޕްއާ ދެކޮޅަށް ސަލްމާންގެ ޓީމުން ކޯޓު އަމުރެއް ނެރެފައިވާއިރު އޭނާ އަކީ ސަލްމާންގެ 2010ވަނަ އަހަރުގެ ފިލްމު "ދަބަންގް"ގެ ޑައިރެކްޓަރެވެ.

ސަލްމާން ޚާން އަދި ޑައިރެކްޓަރު އަބީނާވް ކަޝްޔަޕް--ފޮޓޯ/ބޮލީވުޑްހަންގަމާ
އަބީނަވް ކަޝްޔަޕް ވަނީ މީގެކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ވެސް ސަލްމާން ޚާންގެ އާއިލާއިން ފިލްމު އިންޑަސްޓްރީ ކޮންޓްރޯލްކުރާ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.
ދެ މީހުންގެ މެދުގައި މައްސަލަ ޖެހި ނުތަނަވަސްކަމެއް އުފެދުނީ ފިލްމު "ދަބަންގް" އުފެއްދި ދުވަސްވަރު އެ ފިލްމުގެ ކާސްޓުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަލްމާން ކުރާ ކަމަށް ބުނެ އަބީނާވް މީޑިއާގައި ވާހަކަ ދެއްކުމާ ގުޅިގެންނެވެ. އަބީނާވް އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ކޮއްކޮއެވެ.