އިންޑިއާގެ ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ އާ ފިލްމު "ބާރަތު ބާގްޔާ ވިދާތާ" އަންނަ ޖޫން މަހު ރިލީޒްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ކަންގަނާ ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ، 2008 ވަނަ އަހަރު މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތެރޭގައި، ހޮސްޕިޓަލެއްގެ މުވައްޒަފުން ގުޅިގެން 400އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރި ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު އުފެއްދި ފަރާތްތަކުން ބުދަ ދުވަހު އިއުލާންކުރި ގޮތުގައި، މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

ފިލްމު "ބާރަތު ބާގްޔާ ވިދާތާ"ގެ މަންޒަރެއްގައި ކަންގަނާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މަނޯޖް ތަޕާޑިއާ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން 26/11ގެ ބިރުވެރި ހަމަލާ ދިން ރޭ، ކާމާ ހޮސްޕިޓަލުގެ ތެރޭގައި ކަން ހިނގި ގޮތުގެ މަންޒަރު ވަރަށް ރަނގަޅަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ފިލްމުން ދައްކުވައިދެނީ ބޭރުގައި ނުރައްކާތެރި ހަމަލާތަކެއް ދެމުންދިޔަ ވަގުތު، އެ ހޮސްޕިޓަލުގެ ނަރުހުންނާއި، ވޯޑް ބޯއިންނާއި، ސާފުކުރާ މީހުންނާއި، ލިފްޓް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ އަދި އިދާރީ މުވައްޒަފުން އެ މީހުންގެ މަގާމުގައި ސާބިތުވެ ތިބެ ކުރި ހިތްވަރެވެ.
މި ފިލްމާ ގުޅޭގޮތުން ކަންގަނާ ނެރުނު ބަޔާނެއްގައި ބުނީ، އާންމުކޮށް ފާހަގަކުރެވެނީ ވަރަށް ކުލަގަދަ އަދި ފާޅުކަން ބޮޑު ހިތްވަރުގަދަ އަމަލުތައް ކަމަށާއި، ނަމަވެސް ހަގީގީ ހިތްވަރަކީ އެއަށްވުރެ މާ މަޑުމައިތިރި، އަދި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދެމިތިބޭ މީހުންގެ ކިބައިގައި ހުންނަ ސިފައެއް ކަމަށެވެ. ފިލްމު "ބާރަތު ބާގްޔާ ވިދާތާ" އިން ދައްކުވައިދޭނީ އެފަދަ އާދައިގެ ބައެއްގެ ކިބައިގައި ހުރި ނުގުޑާފަދަ ހިތްވަރާއި، ގުރުބާނީއާއި، އިންސާނިއްޔަތުކަމުގެ ވާހަކަ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ޑައިރެކްޓަރު ތަޕާޑިއާ ބުނީ މިއީ ބިރުވެރިކަމުގެ މައްޗަށް ހިތްވަރު ހޯދި ކާމިޔާބީގެ ވާހަކައެއް ކަމަށާއި، މި ފިލްމު އުފައްދަން ނިންމީ އެ ހޮސްޕިޓަލުގައި އޭރު މަސައްކަތްކުރި ޓީމަށް އިހުތިރާމް އަދާކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ކަންގަނާގެ އިތުރުން ގިރިޖާ އޯކް، ސްމިތާ ތަމްބޭ، އަމްރުތާ ނަމްދޭވް، އީޝާ ދޭ، ޕްރިޔާ ބާޑޭ، އާޝާ ޝެލާރް، ސުހިތާ ތަޓޭ، ރަސިކާ އަގާސޭ، އަދިތުޔާ މިޝްރާ އަދި ޒާހިދު ޚާން ފެންނާނެއެވެ.
މިއީ ޕެން ސްޓޫޑިއޯސް އާއި ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އަދި ޕަރަމްހަންސް ކްރިއޭޝަންސް ގުޅިގެން އުފައްދާ ފިލްމެކެވެ.