ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި ދެކުނު އިންޑިއާގެ ބަތަލާ ޖޯތިކާގެ އާ ކޯޓްރޫމް ޑްރާމާ "ސިސްޓަމް" ބެލުންތެރިންނަށް ގެނެސްދޭ ތާރީޚު އިއުލާނުކޮށްފިއެވެ.
މި ފިލްމާ ގުޅޭގޮތުން އެމެޒޯން ޕްރައިމްއިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮންމެ މީހެއްގެ ހިތުގައިވެސް އިންސާފަކީ ކޮބައިކަމާ މެދު އުފެދޭ ސުވާލުތަކަށް މި ފިލްމުން ޖަވާބު ލިބޭނެ ކަމަށެވެ.
އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަޝުތޯޝް ގޯވަރިކަރް ވެސް ފެންނާނެއެވެ. މިއީ ސޮނާކްޝީ ސިންހާ އާއި ޖޯތިކާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ޕައްމީ ބަވޭޖާ، ހަރްމަން ބަވޭޖާ އަދި ސްމިތާ ބަލީގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ އެހެނިހެން މުހިންމު ރޯލުތަކުން ޕްރީތީ އަގަރްވާލް، އަދިނާތު ކޯތާރޭ، އާޝްރިޔާ މިޝްރާ، ގޯރަވް ޕާންޑޭ އަދި ސަޔަންދީޕް ގުޕްތާ ފެންނާނެއެވެ.

ޖިއޯތިކާ އަދި ސަނީ ޑިއޯލް ފިލްމު "އެންތަނީ"ގެ ޕްރޮޑަކްޝަން ޓީމާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ދެކުނު އިންޑިއާގެ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޖޯތިކާ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގެ "ޑައްބާ ކާޓެލް"އިންނެވެ. ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކްރައިމް ތުރިލާ "ނިކިތާ ރޯއީ"އިންނެވެ.
ޖޯތިކާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްއާ އެކު މަސައްކަތްކުރާ އެކްޝަން ތުރިލާ "އެންތަނީ" ހިމެނެއެވެ. އެކްސެލް އެންޓަޓެއިންމަންޓްއިން އުފައްދާ މި ފިލްމުގެ ޝޫޓިންގް ފެށިފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.