ރީތި އަޚުލާގަކީ ޒަމާނުއްސުރެ ދިވެހީންނާއި ގުޅިލާމެހިފައިވާ، ދިވެހިންގެ ތަރިގައިގެ ތެރޭ ކަމެކެވެ. ދިވެހި މުޖުތަމައުގެ ބިންގާ އެޅިފައިވަނީ އިސްލާމްދީނުގެ މުގައްދަސް މަތިވެރި އުސޫލުތަކާއި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރީތި އާދަކާދަތަކުގެ މައްޗަށެވެ. ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް ރީތި ސިފަތަކަށް ބުރޫއަރާ، އަޚުލާގީ ގޮތުން ގިނަ ގޮންޖެހުންތަކަކާ އަޅުގަނޑުމެން މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ.
ދިވެހީންގެ އަޚުލާގުގެ އެންމެ މުހިންމު ތަނބަކީ އިސްލާމީ އަގީދާއެވެ. އެހެންކަމުން - ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ބޮޑެތި މީހުންނަށް އިހުތިރާމްކުރުން ފަދަ ސިފަތަކަކީ ދިވެހި މުޖުތަމައުގެ އަޚުލާގުގެ މުހިންމު ބައިތަކެވެ. ޚާއްޞަކޮށް، ރީތިބަހުން ވާހަކަދެއްކުމާއި މެހުމާންދާރީ އަދާކުރުމަކީ ދިވެހީންނަށް ދުނިޔޭގެ ފެންވަރުގައި ރީތި ނަމެއް ހޯދައިދީފައިވާ ކަންކަމެވެ. އެކަކު އަނެކަކަށް އެހީތެރިވުމާއި، ކަމޭހިތުމާއި އަދަބުވެރިކަން އިސްކުރުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުންތަކުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
މިއަދުގެ މުޖުތަމައަށް ބަލާއިރު، މި ދެންނެވި ރީތި ސިފަތަކާ ފުށުއަރާ ބައެއް އެތައްކަމެއް އަޅުގަނޑުމެންގެ ތެރޭގައި މިހާރު އާންމުވަމުން އެބަދާކަމުގައި ހިތާމަޔާއެކު ދަންނަވަންޖެހެއެވެ. މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި މީހުން ޕާކުކޮށްފައި ހުންނަގޮތަކީ މީގެ މިސާލެކެވެ. މާލޭގެ މަގުތަކުގެ ދެފަރާތުގައި، ގަވާއިދާ ޚިލާފަށް ހިތަށްއެރި ގޮތަކަށް ސައިކަލު ޕާކުކުރުމަކީ މިއަދު އާންމު ކަމަކަށް ވެއްޖެއެވެ. މިއީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ. މިއިންދައްކައިދެނީ އަނެކުންގެ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ސިފަވެސް އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެން ގޮސްފައިވާކަމެވެ.
މަގު ބޭނުންކުރާ ހިނގާބިނގާވެ އުޅޭ މީހުންނަށް – ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިވާނޭހެން އަމަލުކުރުމަކީ އަޚުލާގީ ގޮތުން ވެސް ދަށު ދަރަޖައިގެ ކަމެކެވެ. އެހެން މިދަންނަވަނީ، ތިމާގެ އަމިއްލަ ފަސޭހައަށްވުރެ މުޖުތަމައުގެ މަސްލަހަތު އިސްކުރުމަކީ ތަހުޒީބު މުޖުތަމައެއްގައި މީހުންގެ ކިބައިން ފެންނާނެ ރީތި ސިފައެއްކަމުގައިވާތީއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ފެންނަމުންދާ ބައެއް އަމަލުތަކަކީވެސް ކަންބޮޑުވާންޖެހޭ ކަންކަމެވެ. މިސާލަކަށް، މިސްކިތެއްގައި ދީނީ ދަރުސެއްގައި ތިބި ބިދޭސީންގެ ވީޑިޔޯނަގާ އެމީހުންނަށް ފުރައްސާރަކުރި ޕޯސްޓެއް މިފަހުން ސޯޝަލް މީޑިޔާގައި ވައިރަލްވެގެން ދިޔައެވެ. އެއީ އިސްލާމީ އުޚުއްވަތްތެރިކަމާއި އިންސާނީ ކަރާމާތާ މުޅިން ޚިލާފު ކަމެކެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ބަޔާނެއްހާ ހިސާބުވެސް ނެރުނުކަމެއް ނޫސްތަކުން އެނގޭކަށް ނެތެވެ. އަޅުގަނޑު ދެކޭގޮތުގައި މިއިން ދައްކައިދެނީ، މިފަދަ ނޭދެވޭ، އަޚުލާގީގޮތުން ދަށްފެންވަރުގެ ކަންތައްތަކަކީ އެއްވެސްކަމަކަށް ނުވާވަރަށް އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާކަމެވެ.
މިސްކިތަކީ މުގައްދަސް ތަނަކަށް ވީހިނދު، އެތަނުގެ ހުރުމަތް ކެނޑުމާއި، ވަކި ނަސްލަކަށް ނުވަތަ ގައުމަކަށް ބަލައިގެން މީހުން ތަފާތުކޮށް މަލާމާތްކުރުމަކީ ދިވެހީން މަޝްހޫރުވެފައިވާ މެހުމާންދާރީގެ ރީތިސިފަތަކާ މުޅިން ބީރައްޓެހި ނާތަހުޒީބު އަމަލެކެވެ. ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެން ފާޅުކުރާ ޚިޔާލުތަކަކީ އަޅުގަނޑުމެންގެ ތަރުބިއްޔަތާއި އަޚުލާގު ހުރި މިންވަރު މުޅި ދުނިޔެއަށް ހާމަކޮށްދޭ ލޯގަނޑެކެވެ. ޚާއްޞަކޮށް، ދިވެހި އިގުތިޞާދުގެ ލޭނާރަކީ އަޅުގަނޑުމެންގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި ވާއިރު، މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.
ތަޢުލީމީ ދާއިރާގަޔާއި ގައުމުގެ އިސްސަފުގައި ގިނަދުވަހު މަސައްކަތްކުރެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް ދިމާވެފައިމިވަނީ - ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖޭގައި ވެސް އާންމުވަމުންދާ ނޭދެވޭ ކަންކަމާއި މަންޒަރުތައް މީޑިޔާގެ ޒަރިއްޔާއިން އާންމުވެ، އެއީ އާދައިގެ އަދި އެންމެ ރަނގަޅު ކަންކަންކަމުގައި ބަލައިގަނެވެން ފެށުމުގެ ނަތީޖާއެވެ.
މިފަދަ އަޚުލާގީ ހީނަރުކަންތައްތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ ފެންވަރުގައި މިއަދު މިވަނީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައއެވެ.
މިގޮތުން، ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށް ރިވެތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް "ބިންގާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށްވަނީ އަންގާފައެވެ. މުޅި އަހަރަށް ބަހާލައިގެން ތީމްތަކަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ މަދަރުސާތަކުގައި ކުދިންނަކީ ދީނީ ކަންކަމަށް ފަރުވާތެރި، ޒިންމާދާރު އަދި އަޅާލާ ބަޔަކަށް ހެދުމެވެ. އަދި ކުދިންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި، އިޖުތިމާއީ ޒިންމާ އުފުލުމަށް ބާރުއަޅާ، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަކީ ވެސް މި ޕްރޮގްރާމްގެ ބަޔެކެވެ.
މި ޕްރޮގްރާމް ވިލަރެސްކުރަން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މުޅިއަހަރުގެ ކޮންމެ މަހަކަށް ތީމެއް ކަނޑައަޅާފައިވާއިރު، ފުރަތަމަ މަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޝުކުރުވެރިވުމެވެ. މީގެ އިތުރުން ނަމާދަށް ލޯބިޖެއްސުމާއި، ސާފުތާހިރުކަމާއި، އިހުތިރާމްކުރުން ފަދަ ކަންކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މި ޕްރޮގްރާމުގެ ތެރެއިން ހާއްސަ އިސްކަމެއް ދޭނެކަމަށް އެޑިއުޝަން މިނިސްޓްރީއާއި ހަވާލާދީ މީޑިޔާގައި ރިޕޯޓުކޮށްފައިވެއެވެ.
އަޚުލާގީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަކީ ހަމައެކަނި ސްކޫލްތަކުން ކުރެވޭނެ ކަމެއް ނޫނެވެ. މީގައި ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ނުހަނު ބޮޑެވެ. ޚާޢްޞަގޮތެއްގައި، ކުދިންނަށް ރީތި ނަމޫނާ ދެއްކުމަކީ ބޮޑެތި މީހުންގެ ޒިންމާއެކެވެ. ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ ތަންދޮރުދަންނަ، ތައުލީމީ ގޮތުން ގާބިލު، އަޚުލާގު ރަނގަޅު، ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި އާރާސްތުކުރެވޭ ޒުވާން ޖީލެކެވެ.
ދިވެހިވަންތަކަމުގެ ހަގީގީ ރީތިކަން އޮތީ އަޅުގަނޑުމެންގެ އަޚުލާގުގެ މަތީގައެވެ. އަނެކުންގެ ހައްގުތަކަށް އިހުތިރާމްކުރުމާއި، އިންސާނީ ކަރާމާތް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ވާޖިބެކެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ދިވެހި މުޖުތަމައަކީ އަދަބު އިހުތިރާމް މީހުންގެ މެދުގައި އޮންނަ، އަމާން މުޖުތަމައެއްގެ ނަމޫނާ ހެދޭނެކަން ކަށަވަރެވެ.
ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި، ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންގެ އަޚްލާޤު ބައްޓަންކުރުމަށްޓަކައި ހަރުދަނާ މުޤައްރަރެއް އެކުލަވައިލެވުނު ނަމަވެސް، އެ މުގައްރަރު އެންމެ ފުރިހަމޔަށް ތަންފީޒު ނުކުރެވުމަކީ މި މައްސަލަ ގޯސްވާން ދިމާވި އެންމެ މައިގަނޑު އެއް ސަބަބެވެ. ހަމައެކަނި ފޮތުގައި ލިޔެފައި ހުންނަ އެއްޗަކުން ކުދިންގެ އުޅުމަށް ބަދަލެއް ނާންނާނެކަމާށާއި - އޭގެ ބަދަލުގައި، އަމަލީ ގޮތުން އެކަންކަން ތަޖުރިބާކޮށް، ސްކޫލް މާހައުލާއި ގޭތެރެއިން އެ ރީތި ނަމޫނާ ފެންނަންޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މަގުމަތީގެ އަދަބުތަކަށް ވެސް ބޮޑެތިމީހުންގެ ފުށުން ކުދީންނަށް ނަމޫނާ ދައްކައިދޭންޖެހޭ ކަމަށާއި، އެހެންނޫނީ ކުދިންގެ ކިބައިގައި އެއާދަތައް އަށަނުގެންނެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ފަސްޖެހުމާއި، މުޖުތަމައު އިހުތިރާމްކުރާ ފަރާތްތަކުން ނޭދެވޭ ނަމޫނާ ދެއްކުމަކީ އިޖުތިމާއީ ފޭރާން ވީދިގެންދާ ކަމެއްކަމުގައި، އެއްބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޒަމާނުއްސުރެ ފުލުހުންނާއި ސިފައިންނަކީ މުޖުތަމައުގައި ގަދަރު އުފުލިގެންވާ ބައެކެވެ. އެހެންނަމަވެސް، އެއިދާރާތަކުގެ ތެރޭގައިއޮތް ކޮރަޕްޝަނާއި ފަސާދައާއި – ކުށްތަކަށް އަރައިގަތުމުގެ ސަގާފަތަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިކަންކަން އިސްލާހު ނުކުރެވިއްޖެނަމަ، ދިވެހިންގެ އަސްލު ތަރިކަ ކަމުގައިވާ ހިތްހެޔޮކަމާއި އަދަބުވެރިކަން އަދި މެހެމާންދާރީ އަދާކުރުމުގެ ރީތިސިފަތައް ގެއްލި، ރާއްޖޭގެ ފަތުރުވެރިކަމަށާއި ގައުމާއި މެދު މީހުންގެ ހިތުގައި އޮންނަ ތަޞައްވުރަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަމުގައި އަޅުގަނޑު ފުރަތަމަ ވާހަކަދެއްކި ބޭފުޅާ ވިދާޅުވިއެވެ. އެހެންކަމުން، މިއީ މުޅި މުޖުތަމައު ގުޅިގެން، އަމަލީ ނަމޫނާ ދައްކައިގެން ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއްކަމުގައި އޭނާ ދެކިވަޑައިގަންނަވައެވެ.