ޕްރިޔަންކާ އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމަކަށް ހިޖުރަކޮށް ފިލްމީ ކެރިއަރެއް އެ ޤައުމުގައި ބިނާކުރަން ޖެހުނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މީހުންގެ ސަބަބުން ކަމަށް ޑައިރެކްޓަރު ޕްރޮޑިއުސަރު ޝައިލެންދްރަ ސިންގް ބުނެފިއެވެ.
'ދަ ސިދާތް ކަންނަން' ޝޯއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ޝައިލެންދްރަ ބުނީ ފިލްމު އިންޑަސްޓްރީއިން ބަތަލާ ޕްރިޔަންކާއާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
"ޕްރިޔަންކާ ފަދަ ހުނަރުވެރިން ފިލްމީ ތަރިން ވާންޖެހެނީ ފިލްމު އިންޑަސްޓްރީގެ އެމްބެސެޑަރުންނަށް. އަހަރެން މި ސުވާލު އެތައް ފަހަރަކު އަހައިފިން، ބޮލީވުޑްގެ ހަގީގީ އަޑަކީ ކާކު، ކޮންބައެއް؟ ވޭތުވެދިޔަ 15 އަހަރުތެރޭ ބޮލީވުޑްއާ ބެހޭގޮތުން ދައްކަންޖެހޭ ވާހަކައެއް ދައްކަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރު. އެކަމަކު ބޮލީވުޑް އެއީ ކަރަންގެ އަމިއްލަ މިލްކިއްޔާތެއްތަ؟ އޭނާ ކީއްވެ އަބަދު ބޮލީވުޑާ ގުޅޭގޮތުން ވާހަކަ ދައްކަނީ؟" ޝައިލެންދްރަ ބުނެފައިވެއެވެ.

ބަތަލާ ޕްރިޔަންކާ ޝާހްރުކް ޚާންއާ އެކު ފިލްމު "ޑޮން"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޕްރިޔަންކާ އަކީ މިފަހުން އުފެދުނު ފިލްމީ ތަރިންގެތެރެއިން ވަރަށް ސްމާޓްކޮށް މަސައްކަތްކުރަން ދަންނަ ބަތަލާއެއް ކަމަށާއި ނަމަވެސް އޭގެ ފައިދާ މިހާރު ކުރަނީ ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކަށާއި ހޮލީވުޑަށް ކަމަށް ޝައިލެންދްރަ ވަނީ ބުނެފައެވެ.
އޭގެ ޒިންމާ ނަގަން ޖެހޭނީ ބޮލީވުޑްއިން ކަމަށް ޝައިލެންދްރަ ވަނީ މި ޝޯގައި ބުނެފައެވެ. އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު ހޮލީވުޑްގައި ފިލްމީ ކެރިއަރެއް ބިނާކޮށް މިހާރު އެއީ އިންޑިއާ ނިސްބަތްވާ މަދު ފިލްމީ ތަރިންގެ ތެރެއިން އިންޓަނޭޝަނަލް ޕްރޮޖެކްޓްގައި މަސައްކަތްކުރާ ހުނަރުވެރި މަދު ބަތަލާއިންގެތެރޭ ހިމެނޭ ފަންނާނެއް ކަމަށް ޝައިލެންދްރަ ވަނީ ބުނެފައެވެ.
ޝައިލެންދްރަ ދެކޭ ގޮތުގައި ޕްރިޔަންކާ އާއި ޝާހްރުކް ޚާން އަކީ ފިލްމީ ދާއިރާ ރަމްޒުކޮށްދެވޭނެ ހަމައެކަނި ދެ ތަރިން ކަމަށާއި ދެ މީހުންގެ ފިލްމީ ކެރިއަރަށް ބެލިޔަސް އެކަން ހެކިދޭނެ ކަމަށް ވަނީ ބުނެފައެވެ.
ޕްރިޔަންކާ އިންޑިއާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ ބޮލީވުޑްގައި މަސައްކަތްކުރާ ނުފޫޒުގަދަ ބަޔަކު ބަތަލާއާ ޒާތީގޮތުން ޖައްސާލުމަށްފަހު ފިލްމު ކެރިއަރު ވެސް ހަލާކުކޮށްލުމަށް މަސައްކަތްކުރުމާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
އެ މައްސަލަ ދިމާވާން ފެށީ ފިލްމު "ޑޮން"ގެ ޝޫޓިންގްތެރޭ ޕްރިޔަންކާ އާއި އެކްޓަރު ޝާހްރުކް ޚާންއާ ދެމެދު އުފެދުނު ސީރިއަސް ލޯބީގެ ގުޅުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދެ ތަރިން ވެސް ދޮގުކުރެއެވެ.
ދިގު މުއްދަތަކަށްފަހު ބަތަލާ އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރަން ނިންމިއިރު އެންމެ އަވަހަށް ޕްރިޔަންކާ ފެންނާނެ އިންޑިއާ ފިލްމަކީ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީ އުފައްދާ ފިލްމު "ވަރަނަސީ"އިންނެވެ.