ހުޅުމާލެއިން ބައެއް ފިތުރޯނު ގަސްތައް ކަނޑަނީ، އިމާރާތް ކުރުމަށް ދަތިވާތީ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑާތީ، ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިގޮތުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ކޮމެންޓު ކުރި މީހަކު ބުނީ، ފިތުރޯނު ގަސްތައް ކެނޑުމާއެކު ހުޅުމާލެ ހިތްފަސޭހަ ތަނެއް ގޮތުގައި އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ. ގަސްތައް ކަނޑަނީ ރޭގަނޑުގެ ވަގުތުގައިކަން ފާހަގަކޮށް އެމީހާ ބުނީ މިހާރުވެސް ހުޅުމާލެ ފިތުރޯނު މަގުން ހިޔާކޮޅެއް ލިބެނީ ވަރަށް ކުޑަ ތަންކޮޅަކުން ކަމަށެވެ.
އިތުރު މީހަކު ކުރި ޕޯސްޓެއްގައި ވަނީ، ކޮންސްޓްރަކްޝަން މަސައްކަތަކަށް ފަހު، ހުޅުމާލޭގައި އަލުން ގަސް އިންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހުޅުމާލޭގައި ހުރި ބައެއް ގަސްތައް ކަނޑާފައި: އެ ގަސްތައް ކެނޑީ އިމާރާތް ކުރުމަށް ދަތިވާތީ ކަމަށް އެޗްޑީސީން ވަނީ ބުނެފައި ---- ފޮޓޯ/ މައުމަން، އެކްސް
އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީން މިއަދު ބުނީ، ބައެއް ފިތުރޯނު ގަސްތައް ކަނޑަނީ، އިމާރާތްކުރާ ސަރަހައްދުތަކުގައި އެ މަސައްކަތް ކުރުމަށް ދަތިވާތީ ކަމަށެވެ. އަދި، އެ ގަސްތައް ނެގި ނަމަވެސް، އާ ގަސްތައް އިންދަން ހަމަޖެހިފައި ހުރި ސަރަހައްދުތަކުގައި އެ މަސައްކަތް ކުރާނެކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، 2023ގައި ވެސް ވަނީ، ހުޅުމާލޭގެ މަގުތަކަށް ގެއްލުންވާތީ ބައެއް މަގުތަކުގެ ދެ އަރިމަތީގައި ހުރި ބިޔަ ފިތުރޯނުގަސްތައް ނެގުމުގެ މަސައްކަތް ކޮށްފައެވެ. އޭރު ވެސް އެ މަސައްކަތް ކުރީ، އެޑްސީންނެވެ.
އޭގެފަހުން، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ފިހާރަތައް ކައިރީގައި ހުރި ބިޔަ، ދުވަސްވީ ގަސްތައް ނެގުމުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.