ހުޅުމާލޭގެ މަގުތަކަށް ގެއްލުންވާތީ ބައެއް މަގުތަކުގެ ދެ އަރިމަތީގައި ހުރި ބިޔަ ފިތުރޯނުގަސްތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.
ހުޅުމާލޭގައި އިންދާފައިހުރި ބިޔަ ފިތުރޯނު ގަސްތައް ނެގުމާ ގުޅޭގޮތުން އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިތުރޯނު ގަސްތައް އިންދީ ހުޅުމާލެ ފުރަތަމަ ހިއްކިއިރު ބިން ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.
"ފިތުރޯނުގަސް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ޖެހުމަކީ [ބިން ވަރުގަދަކުރުމަށްޓަކައި] ކުރެވުނު ކަމެއް." އާބަންކޯގެ ބަޔާނުގައިވެއެވެ.
އާބަންކޯއިން ބުނީ ގަސްތައް އިންދި އިރު ވެސް ހުޅުމާލޭގެ ގްރީނިން ޕްލޭންގައި އޮތީ ފޭސް އެކެއްގައި ހުރި ފިތުރޯނުގަސްތައް ވަކި ވަރަކަށް ބޮޑުވުމުން އެ ގަސްތައް ބަދަލުކުރާ ގޮތަށް ކަމަށެވެ. އެގޮތުން ކަނޑާ ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި ގަސް އިންދަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އާބަންކޯއިން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވަނީ ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހުގައެވެ. ފިތުރޯނު ގަސްތައް ކަނޑާއިރު، އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހިކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ފުލުހުންގެ ފްލެޓުތައް ސަރަހައްދު. ބައެއް މަގުތަކުގައި ހުރި ބޮޑެތި ފިތުރޯނުގަސްތައް ވަނީ ނަގާފައި-- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން އާބަންކޯއިން ވަނީ ނިރޮޅުމަގުގައި ހުރި ފިތުރޯނު ގަސްތައް ކަނޑައި އެ ގަސްތަކުގެ ބަދަލުގައި އެހެން ގަސްތަކެއް އިންދާފައެވެ. އަދި އެންމެ ބޮޑެތި ފިތުރޯނުގަސްތައް ހުރި މަގުކަމަށްވާ، ފިތުރޯނުމަގުގެ އެއްބައިން މިހާރު ވަނީ ގަސްތައް ނަގާފައެވެ.
އާބަންކޯއިން ބުނީ، ތާވަލްކޮށްފައިވާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް 3 އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެއެވެ.