މި އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހަދަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
'ތަރުޖަމާނާ އެކު' ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށެވެ. މި ގޮތުން، އަތޮޅުތެރެއަށް ސިއްހީ ނިޒާމު ފުޅާކުރުމުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، މާލޭގެ ހޮސްޕިޓަލުގެ ކިޔޫ ކުޑަވުމަށް މަގުފަހިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމުގައި ސަރުކާރުން އެންމެ އިސްކަންދެނީ އަތޮޅުތަކުގައި ޑައިގްނޯސްޓިކް ފެސިލިޓީތައް ވަރުގަދަ ކުރުމަށެވެ. ޑައިގްނޯސްޓިކް ފެސިލިޓީއަކީ އާންމު ޓެސްޓުތައް ހަދާ ލެބޯޓްރީ ފަދަ ތަންތަނެވެ.
މީހެއްގެ ބޭސްފަރުވާ ފެށޭ ހިސާބަކީ، ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް ކަމަށާއި އެ ކަމަށް މުހިންމު އިތުބާރެއް ބަލި މީހާގެ އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލެބޯޓްރީއެއް: ހުރިހާ ރަށެއްގައި މި އަހަރު ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓު ހެދޭ ގޮތް ހަދަނީ --
ޑައިގްނޯ ސިސްޓަމަށް އިތުބާރު ނުކުރެވޭ ކަމަށްވަންޏާ އެ ލިޔެވޭ ޕްރިސްކްރިޕްޝަނަކަށް އެއްވެސް މީހެއްގެ އިތުބާރެއް ނޯންނާނެ. ނަތީޖާއަކަށް ވަނީ ޑައިގްނޯސް ސިސްޓަމް ވަރުގަދަ ނުކޮށް ހެލްތު ނިޒާމުގެ ވާހަކަ ނުދެއްކޭނެކަން,ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
އެހެންވެ، ރައީސް އެންމެ އިސްކަންދެއްވީ ކުދި އާބާދީތަކުގައި ލެބޯޓްރީތައް ގާއިމުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް މި ސަރުކާރުން ފެށިއިރު، ލެބޯޓްރީގެ ޚިދުމަތް ނުލިބޭ 76 ރަށެއް އޮތެވެ. މި ގޮތުން، ޕޮއިންޓް އޮފް ކެއާގެ އުސޫލުން އާންމު ޓެސްޓުތައް އެ ރަށްތަކުގައި ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް، ސަރުކާރުގެ ދެވަނަ އަމާޒަކަށްވީ ހުރިހާ ލެބޯޓްރީތައް ގާއިމުކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއަދު ސަރުކާރުން ނިންމަވާފައިވަނީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޒިކަލް ލެބޯޓްރީ ގާއިމުކުރެވި، ލެބްޓެކްނޮލޮޖިސްޓުން އެ ތަންތަނަށް ލެވި، އާންމުކޮށް މީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލެބޯޓްރީތަކުން ލިބޭނެކަން ކަށަވަރުކުރުން،ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު ހަތަރު ތަނެއްގައި ލެބޯޓްރީ ވަނީ ހުޅުވާފައެވެ.
ހުރިހާ ރަށެއްގައި ލެބޯޓްރީތައް ގާއިމުކުރާއިރު، ސިއްހީ ޚިދުމަތް ހޯދަން މާލެއަށް ދަތުރުކުރަން ޖެހުމަކީ އަތޮޅުތެރޭގައި އުޅޭ މީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު ދައްޗެކެވެ. އެ ފަދަ ދަތުރުތަކަށް ގިނަ ފަހަރަށް ބޮޑު ހޭދައެއް އެ މީހުންނަށް ކުރަން ޖެހެއެވެ.