އަންނަ ހޮނިހިރު ދުވަހުގެ ރޭ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް ބަހަން ފެށޭނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި އަހަރު 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެ ކަމަށެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެވެ.
އެ މަސް ކޭސްތައް ބަހަން ފަށާނީ ހޮނިހިރު ދުވަހުގެ ރޭ 08:30ގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 11:00 ހަމައަށް މަސް ކޭސް ބަހަން ހަމަޖެހިފައިވާއިރު، އުންމީދަކީ އަންނަ މަހު 11އަށް މަސް ކޭސް ބަހާ ނިންމާލުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހަން ހަމަޖެހިފައިވެއެވެ. އެއީ، މާލޭގެ އަށް މަރުކަޒާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ.

އެ ތަންތަނަކީ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ސޯމިލް
- ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް
- އުމަރު ޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރުގެ ތިރިން
- މުހައްމަދު ގާސިމް ޕްރީސުކޫލް
- ކާމިލްދީދީ ސުކޫލު
- ހިޔާ ޓަވަރު ދިހައެއް
- ވިނަރެސް ފުލެޓުން
- ވިލިމާލެ ވެމްކޯ ސައިޓުން
އޭގެ އިތުރަށް، މަސް ކޭސް ބެހުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ޓޯކަން ނަންބަރު ނެގުމަށް ޕޯޓަލެއް ވަނީ ތައްޔާރުކޮށްފައެވެ. މިއަދު 12:00 އިން ފެށިގެން އެ ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގޭއިރު، 7741446 ނަންބަރު މެދުވެރިކޮށް މި ކަމާ ގުޅޭ ޝަކުވާތައް ހުށަހެޅޭނެއެވެ.
މި މަސައްކަތް މާލޭގައި ކުރިއަށް ގެންދާއިރު، އެއްވެސް ބޭފުޅަކު ކިޔޫގައި ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. ރޯދަ ހަދިޔާ ޑޮޓް އެމްވީއިން ތިބޭފުޅުންނަށް ރަޖިސްޓްރީ ނުވަތަ ޓޯކަން ހަމަޖެހިގެންދާނެ. އެ ގޮތަށް ވަޑައިގަތީމައި އެއްވެސް ބޭފުޅަކަށް ދައްޗެއް ނެތި މި ކަންކަން ކުރިއަށް ގެންދެވޭނެ,ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
މިނިސްޓަރު ވަނީ، ހުރިހާ ގޭބީސީތަކަށް މަސް ކޭސް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ މަސް ކޭސް ބަހަން ފަށާއިރު، މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 115،078 މަސް ކޭސް މިހާތަނަށް އުފެއްދިއްޖެ ކަމަށާއި ބާކީ އުފައްދަން ޖެހެނީ 3،899 މަސް ކޭސް ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިދިޔަ އަންގާރަ ދުވަހު ވަނީ ބުނެފައެވެ.
މިއަދުގެ ނިޔަލަށް އެ މަސް ކޭސްތައް އުފައްދައި ނިމޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބާޒާރުގައި މިފްކޯއިން މީގެ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،000 މަސްދަޅު ކޭސް ނަމަ އެއީ ޖުމުލަ 89.6 މިލިއަން ރުފިޔާއެވެ.

މާލެ ސަރަހައްދުގައި މަސް ދަޅު ބެހުން: މިއަދުން ފެށިގެން އޮންލައިންކޮށް ޓޯކަން ނެގޭނެ-- ސަން ފޮޓޯ: މޫސާ ނަދީމް
ސަރުކާރުން ވަނީ މިދިޔަ ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ. މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ކޭހެއް ދޭ އުސޫލުން މަސްދަޅު ކޭސް ބަހައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މަސްދަޅުކޭސްތައް އުފެއްދުމާއި ބެހުމުގެ މަސައްކަތަށް 81 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.