އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ހުއްޓުވަން ސީނިއާ ވަކީލަކު އަނެއްކާވެސް ކޯޓަށް

ވަކީލު މަރިޔަމް ޝުނާނާ --- ފޮޓޯ: ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިފަރެންޑަމް ހުއްޓުވުމަށް، މަޝްހޫރު ގާނޫނީ ވަކީލު މަރްޔަމް ޝުނާނާ ވަނީ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅުއްވާފައެވެ. މި މައްސަލަ ހުށަހެޅުއްވީ މި ވޯޓު ނެގުމުގެ ޤާނޫނީ އޮނިގަނޑާއި، އެކަމާ ގުޅޭ އިޖުރާއަތުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ފާހަގަކުރައްވައި، ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމުގެ މަޤްޞަދު ސާފުނުވާ ކަމަށް ވިދާޅުވަމުންނެވެ.

  • ރިފަރެންޑަމްގައި އަހާ ސުވާލުގެ ސާފުކަން ކުޑަވުމާއި މަޤްޞަދު އޮޅުންބޮޅުންވެފައިވާކަން ފާހަގަކުރުން
  • ވޯޓު ނެގުމަށް ކަނޑައަޅާފައިވާ 47 ދުވަހުގެ މުއްދަތަކީ ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ބުނުން
  • އިލެކްޝަންސް ކޮމިޝަނުން މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިފައިވާ ކަމަށް ތުހުމަތުކުރުން
  • ވޯޓު ނެގުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިފައިވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުވަތަ އާއްމު އިންތިހާބާއި، ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވުމަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓު ހުއްޓުވުމަށް، މަޝްހޫރު ގާނޫނީ ވަކީލު، މަރްޔަމް ޝުނާނާ، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފިއެވެ.

އިއްޔެ، ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ހޮނިހިރު ދުވަހު އޮންނަ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް ބަޔާންކޮށްފައިވަނީ އިންތިހާބުގެ ފުރިހަމަ މަގުސަދަކީ ކޮބައިކަން އިލެކްޝަން ކޮމިޝަނަށް ބުނެ ދެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ކަނޑަނާޅައެވެ.

މި މައްސަލައިގައި ޝުނާނާ އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ދައުވާ ލިބޭ ފަރާތްތަކުން ހިލާފުވެފައިވާ ކަމަށެވެ. އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވާފައިވާ ތާރީހަށް އިންތިހާބު ބާއްވަން އެ ކޮމިޝަން ނިންމާފައިވަނީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ފާހަގަ ކޮށްފައިވާ ގޮތުގައި އިންތިހާބު ބާއްވަން ނިންމައި އިއުލާންކުރީ ފެބުރުވަރީ 16، 2026 ގައެއެވެ. އަދި ވޯޓުލުން ބޭއްވުމަށް ކަނޑައެޅީ އެޕްރީލް 4، 2026 ގައިކަމުން، އެއީ އެންމެ 47 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން އެއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ބަހުސްކުރުމާއި ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށާއި އަދި އިންތިހާބާ ގުޅޭ އެހެނިހެން ކަންތައްތަކަށް ތައްޔާރުވުމަށް ވަރަށް ކުރު މުއްދަތެއް ކަމަށް ޝުނާނާ ވިދާޅުވެފައިވެއެވެ.

ޝުނާނާ ވަނީ، ހޮނިހިރު ދުވަހުގެ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ވަގުތީ އަމުރު ނުލިބިއްޖެ ނަމަ ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވޯޓުގެ އެއްވެސް ނަތީޖާއެއް އިއުލާނުކުރުން، ޝާއިއުކުރުން ނުވަތަ ހާމަކުރުން މަނާކުރުން ނުވަތަ އެ ވޯޓަށް ގާނޫނީ، ގާނޫނުއަސާސީ ނުވަތަ އަމަލީ އެއްވެސް ހުއްޖަތެއް ނުވަތަ ބާރެއް ދިނުން ހުއްޓުވައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

މި ވޯޓާ ގުޅޭ މައްސަލައެއް އެމްޑީޕީގެ ވަކީލުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެ މައްސަލައިގެ އެއް އަޑުއެހުން މިދިޔަ ހަފުތާގައި ބޭއްވުމަށް ފަހު ހުކުމް ކުރުން މިއަދު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް