މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 115،078 މަސް ކޭސް މިހާތަނަށް އުފެއްދިއްޖެ ކަމަށާއި ބާކީ އުފައްދަން ޖެހެނީ 3،899 މަސް ކޭސް ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
މިފްކޯގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ މިއަދު 'ސަން'އަށް ވިދާޅުވީ، މިހާތަނަށް ރޯދަ މަހު ބަހާ 115،078 މަސްކޭސް އުފެއްދިފައިވާ ކަމަށެވެ. މި އަހަރުގެ ރޯދަ ހަދިޔާއަށް 118،977 މަސް ކޭސް ބަހަން ނިންމާފައިވާއިރު، ބާކީ އުފައްދަން ޖެހެނީ 3،899 މަސް ކޭހެވެ.
ކުރިން އެ ކުންފުނިން ބުނީ، މަސް ކޭސްތައް އުފެއްދުމުގެ މަސައްކަތް މި މަހު 15އަށް ނިމޭނެ ކަމަށެވެ. ޝިފްޒާ ވިދާޅުވި ގޮތުގައި، އެ ތާރީޚަށް ނުނިމި ލަސްވީ، މި ދުވަސްވަރު ގައުމީ ބާޒާރުގައި ޑިމާންޑު އިތުރުވާތީ އެ ތަން ފޫބައްދަން ޖެހުމުންނެވެ.
ނަމަވެސް، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާކީ ހުރި މަސް ކޭސްތައް އުފެއްދޭނެ ކަމަށާއި ސަރުކާރުން މަސް ކޭސް ބަހަން ފަށަން ވާއިރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޝިފްޒާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހީ، ޖުމްލަ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅު ކޭހެވެ. ބާޒާރުގައި މިފްކޯއިން މީގެ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،000 މަސްދަޅު ކޭސް ނަމަ އެއީ ޖުމްލަ 89.6 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ވަނީ މިދިޔަ ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ކޭހެއް ދޭ އުސޫލުން މަސްދަޅު ކޭސް ބަހައިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މަސްދަޅުކޭސްތައް އުފެއްދުމާއި ބެހުމުގެ މަސައްކަތަށް 81 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.