ލަންކާއަށްދާ ދިވެހީން 'އީޓީއޭ' ހުށަހަޅަން ނުޖެހޭނެކަން ހަނދާންކޮށްދީފި

ލަންކާގެ އެއާޕޯޓެއް: އެ ގައުމަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ނުޖެހޭނެކަން ވަނީ ހަނދާންކޮށްދީފައި ---

އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީން، އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަން ނުޖެހޭނެކަން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން މިއަދު ހަނދާންކޮށްދީފިއެވެ.

ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެ ގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވަނީ މި ފަހުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. 'ދޮންމަންމަ'އެއްގެ އުސޫލުން ދިވެހީންނާ މެދު ކަންކުރާކަމުގެ ކަންބޮޑުވުން އޭނާ ހާމަކުރެއްވީ އެ ގައުމުގެ މީޑިއާއެއްގައެވެ.

ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން މިއަދު ނެރުނު ނޯޓިހެއްގައި ވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެކަން ހަނދާންކޮށްދީފައެވެ. އެހެންވެ، އެ ގައުމަށް ޗުއްޓީއަށް ދިވެހީން ދަތުރުކުރާއިރު އީޓީއޭ ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ނޯޓިސްގައި ބުނެފައިވެއެވެ.

ނަމަވެސް، އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެއެވެ.

https://sun.mv/216434

ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މި މަހުގެ އަށްވަނަ ދުވަހު މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ލަންކާއަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ޖެހޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް ނޭނގޭ ލަންކާއަށް އަންނަ ދޮން މީހުން އެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި ބަލަނީ ކީއްވެ ކަމެއް،" މަސްއޫދު ވިދާޅުވި ކަމަށް އެ ނޫހުގައި ލިޔެފައިވެއެވެ.

މަސްއޫދު ވަނީ ލަންކާއަކީ ޒަމާނުއްސުރެ ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ވެސް ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލުކަން ފާހަގަކޮށްފައެވެ. އެކަމަކު، އެ ހާލަތު މިހާރު ހަލުވިކަމާ އެކު ބަދަލުވަމުން އަންނަކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

https://sun.mv/216437

ހައި ކޮމިޝަނަރު ވަނީ ދެ ގައުމަކީ ޒަމާންވީ ރަހުމަތްތެރިންކަމާއި ރާއްޖެއިން އަބަދު ވެސް ލަންކާއާ އެކު މަސައްކަތްކުރާކަން ވެސް ފާހަގަކުރައްވާފައެވެ.

ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ވެސް ގިނަ އަދަދެއްގެ ދިވެހީން ލަންކާއަށް ދަތުރުކުރެއެވެ. އަދި، ވަރަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާގައި ދިރިއުޅޭ ވެސް މެއެވެ. އެހެންވެ، ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދިވެހި އައިޑީކާޑު ހެއްދޭ ގޮތް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހަދާފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ލަންކާގެ ރައީސް އަނޫރާ ޑިސެނަޔަކަ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް