ލަންކާ ވިސާ ދިވެހީންނަށް ދަތިވުން: "މިއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދޯހަޅިވުމުގެ ނަތީޖާ"

ލަންކާގެ ރައީސާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް: ލަންކާގެ ވިސާ ދިވެހީންނަށް ލިބުން ދަތިވާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައި---

އަވައްޓެރި ސްރީލަންކާއިން ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް، މިއަދު ވިދާޅުވެއްޖެއެވެ.

އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭތީ އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ދިވެހީން ވަރަށް އާއްމުކޮށް ގޮސް އުޅޭ, ލަންކާއަށް ދިއުމަށް ކޮންމެހެން ވިސާ ނަގާކަށް ނުޖެހެއެވެ. އެއީ އޮންއެރައިވަލް ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީއެވެ. ނަމަވެސް، އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެއެވެ.

https://www.sun.mv/216434

ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ލަންކާއަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ޖެހޭ ކަމަށެވެ.

މި ޚަބަރު އެކްސްގައި ޕޯސްޓް ކުރައްވައި މީކާއީލް މިއަދު ވިދާޅުވީ، މިއީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުގެ ނަތީޖާ ކަމަށެވެ. އަދި، އޭނާ ވަނީ "ޑިޕްލޮމަސީ ހިންގަނީ ނޫސް މަޖައްލާ މެދުވެރިކޮއްތޯ؟" ސުވާލު އުފައްދަވައިފައެވެ.

"އަނެއްކާ “ލަންކާއައުޓް” ނުފަށައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު!" މީކާއީލް ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ހައި ކޮމިޝަނަރު ވާހަކަދައްކަން ވާނީ އަނެއް ހައި ކޮމިޝަނަރާ ކަމަށާއި މީޑިއާގައި އެ ވާހަކަދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި، 'ދޮން މީހުންނޭ' ކިޔާ މަސްއޫދުގެ ވާހަކަ ވެސް ހުރީ އެންމެ ރަނގަޅަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ފޯން ކޯލަކުން ނިމެން އޮތް ކަމެއް،" އޭނާ ވިދާޅުވިއެވެ.

މެންބަރު މީކާއީލް: އޭނާ ވިދާޅުވީ މިއީ ފޯން ކޯލަކުން ނިމެން އޮތް ކަމެއް ކަމަށް -- ފޮޓޯ/ މަޖިލީސް

ލަންކާގައި މިހާރު ވެސް 1800 އެއްހާ ދިވެހީން ދިރިއުޅެއެވެ. އެ ގައުމުގައި ދިވެހީން ގިނައިން ދިރިއުޅެނީ ތައުލީމު އުނގެނުމަށާއި ބޭސްފަރުވާއަށެވެ. ކޮވިޑްގެ ކުރިން އެ ގައުމުގައި 15,000 އެއްހާ ދިވެހީން ދިރިއުޅުނެވެ. ނަމަވެސް، ކޮވިޑާއެކު ލަންކާއަށް ދިމާވި މާލީ ދަތިކަމުގެ ސަބަބުން ދިރިއުޅުން ދަތިވެ, އެތައް ހާސް ދިވެހީންނެއް ވަނީ އެ ގައުމު ދޫކޮށްލައިފައެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން، އަވައްޓެރި އިންޑިއާއާ ގުޅުން އިންތިޚާއަށް ގޯސްވުމާއި ފަހުން އެ ގުޅުން ބަދަހިކުރަން ސަރުކާރަށް މަޖުބޫރުވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ހަމައެހެންމެ މި ސަރުކާރަށް ދެ އަހަރުވީއިރު ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދިވެހި ރާއްޖެއަށް ލިބޭ އެހީތައް ވެސް އެހެން ސަރުކާރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. ބަޖެޓުގައި އަންދާޒާ ކުރާ ވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބެއެވެ.

ފާޑުކިޔާ ފަރާތްތައް މިކަންތައް ވެސް ގުޅުވަނީ ޚާރިޖީ ސިޔާސަތުގެ ފެއިލިއާއެއްގެ ގޮތުގައެވެ.

comment ކޮމެންޓް