އަންނަ އަންގާރަ ދުވަހު ފަށާ، ދިރާސީ އަހަރަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނަ ދަރިވަރުން ބަދަލުކޮށްދީފައިވަނީ ހުޅުމާލެއަށެވެ. މި ގޮތުން، އަތޮޅުތަކުން 753 ދަރިވަރުން ހުޅުމާލެއަށް ބަދަލުވިއިރު، މާލެއަށް ވަނީ 694 ދަރިވަރުން ބަދަލުކޮށްދީފައެވެ.
އޭގެ އިތުރަށް، ވިލިމާލެއަށް 83 ދަރިވަރުން، އަތޮޅުތެރެއިން ބަދަލުކޮށްދިނެވެ. އެއީ، ޖުމުލަ 1،530 ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުން ގްރޭޑު އެކަކަށް 1،748 ދަރިވަރުން ވައްދައިދީފައިވާ ކަމަށާއި އަތޮޅުތެރެއިން އެ ގްރޭޑަށް ވައްދައިދޭން އެދުނީ 3،042 ދަރިވަރުން ކަމަށެވެ.
ސުކޫލުތައް ހުޅުވެން ތައްޔާރުވަމުން އަންނައިރު، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވާފައެވެ.
ދަރިވަރުން މިހާރު ތިބީ ބޮޑު ޗުއްޓީގައެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މި މަހު 27 ގައި ކަމަށްވާއިރު، ޓީޗަރުން މި މަހު 25 ގައި ސުކޫލުތަކަށް ނުކުންނާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރިއެވެ.