10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް މިފްކޯއަށް ގަންނަން ފަށައިފި

މީހަކު ބޮޑު ކަންނެއްޏެއް ދަމާފައި ގެންދަނީ: 10 ކިލޯއާއި 15 ކިލޯއާ ދެމެދު ކަންނެލި 20 ރުފިޔާއަށް މިފްކޯއަށް ގަންނަން ފަށައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އިއްޔެ ގަންނަން ފަށައިފިއެވެ.

މިފްކޯއިން ބަލަހައްޓާ، ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ މި މަހު ދިހައެއްގައެވެ.

އޭގެ ފަހުން، އިއްޔެ މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ނެރުއްވި މެމޯއެއްގައި ވަނީ އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުތަކަށް ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލުތަކެއް ގެނައިކަން ހާމަކުރައްވާފައެވެ.

މިގޮތުން، ކޫއްޑޫއާއި އައްޑޫގެ އިތުރަށް ފެލިވަރު ފިޝަރީސް ކޮމްޕްލެކްޝްއަށް ފޮނުއްވި އެ މެމޯގައި ވަނީ، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނާނީ 20 ރުފިޔާއަށް ކަމަށް ބުނެފައެވެ. އަދި، 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާއަށް ގަތުމަށް އެ މެމޯގައި ވަނީ އަންގާފައެވެ.

https://sun.mv/216555

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި ނަތީޖާ ނުފެންނަ ކަމަށް ބުނެ، ނިމުނު ޑިސެންބަރު 10 ގައި އިހުތިޖާޖު ވެސް ކުރިއެވެ.

އޭރު، މާލެއަށް ވަންނަ ނެރު ކައިރީ މަސްވެރިން ކުރި އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހިމެނޭހެން ނުވަ މީހަކު ހައްޔަރުކުރިއެވެ.

ބޮޑު ކަންނެލި ތަކެއް އައިސް ފޮއްޓަކަށް އަޅަނީ ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.

އޭގެ ފަސް ދުވަސް ފަހުން މިނިސްޓަރާ އެކު، 20 މަސްވެރިއަކު ދިގު ބައްދަލުމެއް ބޭއްވިއެވެ. އޭރު ޑިމާންޑުތަކަށް އުންމީދީ ޖަވާބެއް ލިބުނު ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް