ޣައްޒާގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ ގޮތުން އެކުލަވާލާ ސުލްހައިގެ މަޖިލިސް ނުވަތަ "ޕީސް ކައުންސިލް" ގައި ބައިވެރިވުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ.
މި ބޯޑުގައި ބައިވެރިވުމަށް އެދި ޓްރަމްޕްވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ގައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު އެ ގައުމުތަކަށް ދެއްވައިފައެވެ.
ނަމަވެސް ދައުވަތު އެރުވި ގައުމުތަކުގެ ތެރެއިން އެކަމަށް އިޖަބަދީގައި ވަނީ ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގޭރީ އެކަންޏެވެ.
ކަން އެހެން އޮއްވައި ޔޫއޭއީއިން ވަނީ އެ ބޯޑުގައި ބައިވެރިވާނެ ކަމަށް ބުނެ ޓްރަމްޕްގެ ދައުވަތު ގަބޫލުކޮށްފައެވެ.
މި ކައުންސިލްގައި ކޮންމެ ގައުމަކަށްވެސް ބައިވެރިކުރެވޭނީ އެއްމެ މަންދޫބެކެވެ. އެ މަންދޫބުގެ މުއްދަތަކީ ތިން އަހަރެވެ. ތިން އަހަރަށްވުރެ ދިގުމުއްދަތަކަށް މަންދޫބަކު ބަހައްޓާނަމަ އެ ގައުމަކުން އެމެރިކާއަށް އެއްބިލިޔަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަޖައްސަވާފައެވެ.
ޣައްޒާގެ ތަންފީޒީ ކައުންސިލަށްވެސް ޓްރަމްޕް ހަތް މެންބަރަކު އައްޔަން ކުރައްވާފައިވެއެވެ. މީގެތެރޭގައި ތުރުކީ، ޔޫއޭއީ، ގަތަރު، މިސްރު މިތިން ގައުމުންކުރެ ކޮންމެ ގައުމަކުން މަންދޫބަކު ހިމެނެއެވެ. އޭގެތެރޭގައި ވެސް ޣައްޒާގެ ރައްޔިތަކު އަދި ޣައްޒާ ނިސްބަތްވާ ފަލަސްތީނުގެ ބޭފުޅަކު ނުހިމެނެއެވެ.
މި ކައުންސިލްތައް އުފެއްދުމަށްފަހު ދެންއޮތީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައިގަތުންކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.