ވޮޝިންޓަން (19 ޖަނަވަރީ 2026) : ޣައްޒާގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ ގޮތުން އެކުލަވާލާ ސުލްހައިގެ މަޖިލިސް ނުވަތަ "ޕީސް ކައުންސިލް" ގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 60 ގައުމަކަށް ދައުވަތު ދެއްވި ނަމަވެސް އޭގެތެރެއިން އެންމެ ގައުމަކުން ނޫނީ އެ ކައުންސިލްގައި ބައިވެރިވާން މިހާތަނަށް އެދިފައިނުވާކަން ހާމަވެއްޖެއެވެ.
މި ކައުންސިލްގައި ކޮންމެ ގައުމަކަށްވެސް ބައިވެރިކުރެވޭނީ އެއްމެ މަންދޫބެކެވެ. އެ މަންދޫބުގެ މުއްދަތަކީ ތިން އަހަރެވެ. ތިން އަހަރަށްވުރެ ދިގުމުއްދަތަކަށް މަންދޫބަކު ބަހައްޓާނަމަ އެ ގައުމަކުން އެމެރިކާއަށް އެއްބިލިޔަން ޑޮލަރު ދައްކަންޖެހޭ ގޮތަށް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަޖައްސަވާފައެވެ. މިކަން މިގޮތަށް އޮތުމުން ޓްރަމްޕް ގެންދަވަނީ އޭނާ ފައިސާ ހޯދާ މުދާގަނޑެއްގެ ގޮތުގައި ޣައްޒާ ހަދަމުންކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ ތުހުމަތު ކޮށްފައެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމުގެ އެއްބަސްވުމަކީ ޓްރަމްޕް އިސްކޮށް ހުންނަވައިގެން ގަތަރާއި މިސްރުގެ އެހީތެރިކަމާއެކު އިސްރާއީލާއި ހަމާސް ޖަމާއަތާ ވާހަކަ ދައްކައިގެން ވުޖޫދަށް ގެނައި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އަދިވެސް އިސްރާއީލު ތަންފީޒު ނުކުރާއިރު އެކަން ކުރުމަށް އިސްރާއީލަށް ބާރުއެޅުމުގެ ބަދަލުގައި ޓްރަމްޕް ގެންދަވަނީ އޭގެ ދެވަނަ މަރުހަލާއަށް ދިޔުމަށް މަސައްކަތް ކުރައްވަމުންނެވެ. ދެވަނަ މަރުހަލާގައި ހިމެނެނީ ޣައްޒާގެ ހުރިހާކަމެއް ބަލަހައްޓައި އޯވަސީ ކުރުމަށް "ޕީސް ކައުންސިލް" އަކާއި، ކަންކަން ތަންފީޒުކުރުމަށް ތަންފީޒީ ކައުންސިލްއަކާއި، އިދާރީ ކަންކަން ކުރުމަށް އިދާރީ ކައުންސިލެއް އުފެއްދުމެވެ.
މި ތިން ކައުންސިލްގެ ތެރެއިން ޣައްޒާގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނު މީހުން ހިމެނެނީ އިދާރީ ކައުންސިލްގައެވެ. ޣައްޒާގެ ވެރިކަމާބެހޭ ކަންކަން ނިންމާ ޕީސް ކައުންސިލްގެ ވެރިއެއްކަމަށް ޓްރަމްޕް ނިންމަވާފައިވަނީ ޚުދު އޭނާއެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި ޣައްޒާގެ ޕީސް ކައުންސިލަކީ ޣައްޒާގައި ވެރިކަން ކުރާ ކައުންސިލެވެ. މި ކައުންސިލްގެ ވެރިއަކަށް އޭނާ ހުންނަވާނީ މުޅި އުމަރަށްކަމަށާއި އެއީ ދާއިމީ މަގާމެއްކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ އިތުރުން ޣައްޒާގެ ޕީސް ކައުންސިލްގައި ހިމަނާފައިވަނީ ޓްރަމްޕްގެ ދަނބިދަރި ޖެރަޑް ކުޝްނާ އާއި ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި ގާތިލް އަދި ދުނިޔޭގެ މަޝްހޫރު ހަނގުރާމައިގެ މުޖްރިމް ކަމަށް ސިފަކުރެވޭ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ، ޓްރަމްޕްގެ ޚާރިޖީ ވަޒިރު މާކޯ ރޫބިއޯ، ޓްރަމްޕްގެ ސިޔާސީ މުސްތަޝާރު ރޮބަޓް ގެބްރިލް، ޓްރަމްޕްގެ އަރިސް މަހުޖަނު މާކް ރުވާން، ވޯލްޑް ބޭންކްގެ ރައީސް އަޖޭ ޕަންގާ އެވެ.
މި ބޯޑުގައި ބައިވެރިވުމަށް އެދި ޓްރަމްޕްވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ގައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު އެގައުމުތަކަސް ދެއްވައިފައެވެ. ނަމަވެސް ދައުވަތު އެރުވި ގައުމުތަކުގެ ތެރެއިން އެކަމަށް އިޖަބަދީގައިވަނީ ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގޭރީ އެކަންޏެވެ.
ޣައްޒާގެ ތަންފީޒީ ކައުންސިލްއަށްވެސް ޓްރަމްޕް ހަތް މެންބަރަކު އައްޔަން ކުރައްވާފައިވެއެވެ. މީގެތެރޭގައި ތުރުކީ، ޔޫއޭއީ، ގަތަރު، މިސްރު މިތިން ގައުމުންކުރެ ކޮންމެ ގައުމަކުން މަންދޫބަކު ހިމެނެއެވެ. އޭގެތެރޭގައި ވެސް ޣައްޒާގެ ރައްޔިތަކު އަދި ޣައްޒާ ނިސްބަތްވާ ފަލަސްތީނުގެ ބޭފުޅަކު ނުހިމެނެއެވެ.
މި ކައުންސިލްތައް އުފެއްދުމަށްފަހު ދެންއޮތީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައިގަތުންކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަމާސްއިން ވަނީ ފަލަސްތީނަށް މިނިވަންކަން ލިބި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އެ ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައި ނުގަނެވޭނެކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.
ޣައްޒާއަށް ފޮނުވުމަށް ޓްރަމްޕް ގެންދަވަނީ ސުލްހައިގެ ބާރެއްވެސް އެކުލަވާލައްވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ބާރުގައި ބައިވެރިކުރަން ޓްރަމްޕް ބޭނުންވާ ގައުމުތަކުން ވަނީ ހަމާސްގެ އަތުން ހަތިޔާރު ނިގުޅައިގަތުންފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެކަން ހާމަކޮށްފައެވެ.
ޣައްޒާގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އިސްރާއީލު ސިފައިން ޣައްޒާއިން ފައިބަން ޖެހެއެވެ. ނަމަވެސް އިސްރާއީލުވަނީ މިކަމާ ދެކޮޅު ހަދާފައެވެ. އަދި އިސްރާއީލު އަދިވެސް ގެންދަނީ ޣައްޒާގެ އާންމުންނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގައި އާންމުން މަރަމުންނެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށިފަހުން އިސްރާއީލުވަނީ ޣައްޒާގެ 1000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.