ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވީ 'ނަމަކަށް' ކަމަށާއި، އަދިވެސް އެތަނުގެ މަރާމާތު އެއްކޮށް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 30ގައި އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި ޝަންގްރިއްލާ ރިސޯޓު ވަނީ އަލުން ހުޅުވާލައިފައެވެ.
ނަމަވެސް އެ ރިސޯޓު ހުޅުވުމަށްފަހު ބަންދުކުރި ކަމަށް ވެސް މިފަހުން ވާހަކަތައް ދެކެވުނެވެ. އެހެންނަމަވެސް ޝަންގްރިއްލާ ގްރޫޕުން ވަނީ އެކަން ދޮގުވެސް ކޮށްފައެވެ.
ކަން އެހެން އޮއްވައި އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވީ "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ކަމަށެވެ.
ހުޅުވި ތަނަކަށް ގެސްޓުންނެއް ނުދޭ. އެތަން އަދިވެސް [އޮތީ] މަރާމާތުނުކޮށް. ހަމައެކަނި ރެސްޓޯރެންޓަކާއި ދެ ކޮޓަރިއާއި މަރާމާތުކޮށްލާފަ އޯޕަން ބޯޑެއް އެޅުވިޔަސް ގެސްޓުންނެއް ނުއެއް ދާނެ. އެތަނަކީ ޝަންގްރިއްލާގެ ސިގްނޭޗާ ޑެސްޓިނޭޝަން ޕްރޮޑަކްޓެއް އެއީ. އެހެންވީމަ އެބޭފުޅުން އެ ބޭނުންވާ ޝަންގްރިއްލާގެ ފެންވަރަށް އެތަން ތަރައްގީކުރެވިގެން ނޫނީ އެބޭފުޅުން އެތަން ނުއެއް ހުޅުވާނެ، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
ދީދީ ވިދާޅުވި ގޮތުގައި އާއިލާއާ ރައްޓެހިންނަށް ދައުވަތު ދީގެން މަދު ބަޔަކު އެތަނަށް ގޮސްދާނެއެވެ. ނަމަވެސް އެއީ މިއަދުވެސް އޮޕަރޭޝަނަލް ރިސޯޓެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ -- ފޮޓޯ/ މަޖިލިސް
ދީދީ ވިދާޅުވި ގޮތުގައި ހަގީގަތަކީ އެއީ ތަނުގެ މަރާމާތު ވެސް ނުނިމެނީސް، ސިޔާސީ ބޭނުމަށް ސަރުކާރުން ޝަންގްރިއްލާއަށް މަޖުބޫރުކޮށްގެން ހުޅުވި ތަނެކެވެ. އެގޮތުން 31 ޑިސެމްބަރުގެ ކުރިން ނުހުޅަވައިފި ނަމަ މިހާރު ގާނޫނަށް ގެނައި ބަދަލާއެކީ ސަރުކާރަށް އެތަން އަތުލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ މަޖުބޫރުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އެއް ހެއްކަކީ، ދުނިޔޭގެ އެއްވެސް ބުކިން ޕްލެޓްފޯމަކުން ނުވަތަ ޓްރެވަލް އެޖެންޓަކުން ވެސް ޝަންގްރިއްލާ ރިސޯޓު އެއީ އޮޕަރޭޝަނަލް ތަނެއްގެ ގޮތުގައި ފެންނަން ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖުބޫރުކޮށްގެން އެކަމެއް އެކުރީ. ރިސޯޓު ގެސްޓުންނަށް ހުޅުވާލާފައެއް ނެތް. ދުނިޔޭގެ އެއްވެސް ބުކިން ޕްލެޓްފޯމަކުން އެވެއިލަބަލެއް ނޫން. ދިވެހިރާއްޖެއަށް ފަތުރުވެރިން ގެންނަ އެޖެންޓަކުން ޝަންގްރިއްލާ އެވެއިލަބަލް ކަމަކަށް ނުއެއް ދައްކާ، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
ދީދީ ވިދާޅުވީ އެއީ ހަމައެކަނި ރަމްޒީ ބޭނުމަކަށް ކުރި ކަމެއް ކަމަށެވެ. އެހެންނަމަވެސް ގެސްޓުންނަށް ޚިދުމަތްދެވޭ ވަރަކަށް އެތަން އަދިވެސް ހުޅުވާފައި ނުވާކަން އޭނާ ތަކުރާރުކުރެއްވިއެވެ. އަދި މައުލޫމާތު ލިބޭ ގޮތުން ނަމަ ޝަންގްރިއްލާއިން މަސައްކަތްކުރަނީ މިއަހަރުތެރޭ، މުޅި އަހަރު އެއްކޮށް ރެނޮވޭޝަން މަސައްކަތް ކުރުމަށްފަހު 2027ގެ ސީޒަނަށް ވާންވާއިރަށް އެތަން އޮޕަރޭޝަނަށް ގެންނަން ކަމަށް ދީދީ ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ދައްކާ ދަޅައާއި، ދައްކާ ވާހަކައާއި ހަގީގަތާ އެއްވެސް ވަރަކަށް ދިމަލެއް ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ލަގްޒަރީ ފެންވަރުގައި ތަރައްގީކުރި ޝަންގްރިއްލާ ރިޒޯޓު ރަސްމީކޮށް ހުޅުވީ ޖުލައި 31، 2009 ގައެވެ. އެ ތަނަކީ ސްޕީޑް ލޯންޗަކުން ފަސް މިނެޓު ތެރޭގައި ދަތުރުކޮށްގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭހާ ކައިރީގައި އޮންނަ ތަނެކެވެ.
ކޮވިޑަށް ފަހު، އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ފާއިތުވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ޝަންގްރިއްލާގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އެ ރިސޯޓުގެ ވެރިންނާއެކު މަޝަވްރާކޮށްފައެވެ. އެހެން ނަމަވެސް، އެ މަޝްވަރާތަކުން ކާމިޔާބީއެއް ނުލިބި، ޝަންގްރިއްލާގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވަނީ ވިއްކާލައިފައެވެ.
އެ ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.