ބަންޑުން ޖަހާލި ދޯނިން ނިޔާވީ މުޅި އުމުރު ކަނޑުމަތީ ހޭދަކުރި ކެޕްޓަނެއް

ދޯނި ބަންޑުން ޖަހައިލި ހާދިސާގައި މަރުވި ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިން --

މިއަދު ހެނދުނު ބަންޑުން ޖަހާލި ދޯނިން ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން، ފެނުނު ދިވެހި މީހާއަކީ ކަނޑުމަތީގައި މުޅި އުމުރު ހޭދަކުރި ތަޖުރިބާކާރު ކެޕްޓަނެއްކަން އެނގިއްޖެއެވެ.

މިއަދު ހެނދުނު 7:27 ހާއިރު "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ ދޯނީގައި ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ސަލާމަތްވީއިރު، ދިވެއްސަކާއި، ބިދޭސީއެއް ގެއްލިގެން ދިޔައީ ހޯދަމުންނެވެ.

ބިދޭސީ މީހާ އަދިވެސް ނުފެންނައިރު، ގެއްލުނު ދިވެހި މީހާ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނުނީ މިއަދު ހެނދުނު 11:00 ހާއިރެވެ.

މި ހާދިސާގައި މަރުވީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ.

2023 ވަނަ އަހަރު "ބަލްމާ ހައެއް" ފަރަށް އަރައިފައި -- ފޮޓޯ: އެމްއެންޑީއެފް

އޭނާއަކީ މުޅި އުމުރު، ކަނޑުމަތީ ހޭދަކުރި މީހެކެވެ. އެގޮތުން ސޯޝަލް މީޑިއާގައި، އޭނާގެ މަރުގެ ޚަބަރު ހިއްސާކޮށް އާއިލާ މީހަކު ލިޔެފައިވާ ގޮތުގައި އަލީ ހުސައިނަކީ އޮޑިދޯނި ފަހަރު ފުރަތަމަ ދުއްވަން ފެށި ދުވަސްވަރުގައި، މަސްވެރި ދޯނިތަކުގެ ކެޕްޓަނެކެވެ.

https://sun.mv/216830

އޭގެ ފަހުން ސަޕްލައި ދޯންޏެއްގެ ކެޕްޓަނުގެ ގޮތުގައި މަސައްކަތް ފެށީ ކަމަށް ވެސް ބުންޏެވެ. އޭނާއަކީ ގިނަ ބަޔަކު ބަލައިގަންނަ، ނަމޫނާއެއްގެ ގޮތުގައި ދެކޭ މީހެއް ކަމަށް ވެސް އޭނާ ދަންނަ މީހުން ސިފަކުރެއެވެ.

އަލީ ހުސައިންގެ ޖަނާޒާ ބޭއްވީ މިރޭ އިޝާ ނަމާދަށްފަހު މާލޭ އާސަހަރާގައެވެ.

މި ހާދިސާއާ ގުޅިގެން މާ ގިނަ ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ. އަދި ބިދޭސީ މީހާ ފެނޭތޯ އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކަނޑުމަތީގެ މިފަދަ ހިތާމަވެރި ގިނަ ހާދިސާތަކެއް މިދިޔަ އަހަރުގެ ތެރޭ ވެސް ވަނީ ހިނގައިފައެވެ. އަދި އެ ފަދަ ހާދިސާތަކުގައި ގެއްލުނު ބައެއް މީހުން އަދިވެސް ނުފެނެއެވެ.

comment ކޮމެންޓް