އައްޑޫ ސިޓީ، ފޭދޫއިން ވަގަށް ނެގި ލަވް ބާޑުތަކެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އައްޑޫ ފުލުހުން ބުނި ގޮތުގައި، ފޭދޫގެ ގެއަކުން ހަތަރު ލަވްބާޑު ގެއްލުނީ އިއްޔެ ރޭ ދަންވަރެވެ.
އެ މައްސަލަ ރިޕޯޓުކުރުމާ އެއްކޮށް، އެ ލަވްބާޑުތައް ހޯދަން ގަމު ޕޮލިހުން ކުރި މަސައްކަތުން އެރޭ އެ ދޫނިތައް ހޯދިފައިވާ ކަމަށާއި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގައި މި ފަހަކަށް އައިސް، ވައްކަމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.
އެގޮތުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކަކާއި ކުރުނބާތަކެއްގެ ވެރި ފަރާތް ހޯދަން, މިދިޔަ މަހު23ގައި ވެސް އައްޑޫ ސިޓީ ފުލުހުން އިއުލާނުކުރިއެވެ.
އަދި، އެ މަހުގެ 16ގައި އަންގާރަ ދުވަހު ވެސް އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އަދި ހަމައެގޮތަށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް އެ މަހު ފުލުހުން އިއުލާނުކުރިއެވެ.