މިމަހުގެ ފުރަތަމަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ފަސް ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން އާއްމުކުރި ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިމަހުގެ ފުރަތަމަ ހަފުތާގައި 55 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެ މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި 494،712.70 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި އެފަދަ މައްސަލަތަކުގައި 270،070.40 ރުފިޔާ ވަނީ އަނބުރާ ހޯދައިފައެވެ.
ފުލުހުން ބުނި ގޮތުގައި އެ ސްކޭމްތައް ހިނގާފައި ވަނީ އޮންލައިން މެސެޖިން މަންސަތަކުގައާއި، އައިބޭ، ފޯން ކޯލް، ފިޝިން ލިންކު އަދި ފޭސްބުކް މާކެޓް ޕްލޭސްގައެވެ.
ސްކޭމްގެ ބާވަތްތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ ހަފުތާގައި ވަނީ:
- އީކޮމާސްގެ 27 މައްސަލައެއް
- ފައިސާ މާރުކުރުމުގެ ހަތް މައްސަލައެއް
- އިންޕާސަނޭޝަން ނުވަތަ ޝަހުސިއްޔަތު އޮޅުވާލައިގެން ސްކޭމްކުރި 14 މައްސަލައެއް
- އެހެނިހެން ހަތް މައްސަލަ
ފާހަގަކޮށްލެވޭ ގޮތުގައި ސްކޭމްގެ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސްކޭމަރުން އެކި އުކުޅުތައް ބޭނުންކުރެއެވެ. މިގޮތުން، ޒަމާނަށް އަންނަ ބަދަލުތަކުން އެ އުކުޅުތަކަށް ވެސް ދަނީ ބަދަލުތައް އަންނަމުންވެ.
އެގޮތުން ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ފޭސްބުކްގައި ސްކޭމްތައް ހިންގާ މިންވަރު އަނެއްކާ ވެސް އިތުރުވެފައިވާކަމަށް ބުނެ، އެ ކަމަށް ސަމާލުވާން ފުލުހުން މިއަދު ވެސް އިލްތިމާސްކުރިއެވެ.
މީގެކުރިން ވެސް ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކުރިއެވެ.