ވާންޖެހޭ ތައްޔާރީތައް ވެނިމިއްޖެ، އުންމީދަކީ ސުލްހަވެރިކަމާއެކު ޕްރައިމަރީ ނިމުން: އެމްޑީޕީ

އެމްޑީޕީން 'ގާނޫނު އަސާސީގެ ދިފާއުގައި'ގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން: އެމްޑީޕީ ޕްރައިމަރީއަށް ވާންޖެހޭ ތައްޔާރީތައް ވެނިމިފައިވާ ކަމަށް އެ ޕާޓީން ބުނެފި -- ސަން ފޮޓޯ/ މޫސާ ނަދީމް

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ގާތްގަނޑަކަށް ތައްޔާރުވެ ނިމިއްޖެ ކަމަށާއި، ސުލްހަވެރިކަމާއެކު އިންތިޚާބުގެ ކަންކަން ނިމިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުޙައްމަދު ފަލާޙް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ އޮންނާނީ މާދަމާ މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެންނެވެ.

އެމްޑީޕީން މާދަމާ ބާއްވާ ޕްރައިމަރީގައި ރަށްރަށުގެ އިތުރުން މާލޭގައި ރަށްރަށުގެ ފޮށިތައް ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. މަޖީދިއްޔާ ސްކޫލުގެ އިތުރުން މާލޭގައި ދެން ފޮށިތައް ބަހައްޓަނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައެވެ. އަދި ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ބަހައްޓާއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ބަހައްޓަނީ ކާމިލު ދީދީ ސްކޫލުގައެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ފަލާޙް ވިދާޅުވީ، ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވައި ނިމިއްޖެ ކަމަށާއި، މާލޭގައި ތިބި ރަށްރަށުގެ އެ ޕާޓީގެ މެންބަރުން ވޯޓުލާން ޖެހޭ ފޮށިތައް ވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.

ފަލާޙް ވިދާޅުވީ، ހުކުރުން ފައިބާ ގޮތަށް ވޯޓުލާ މަރުކަޒުތަކަށް ވޯޓުފޮށިތައް ގެންދިޔުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ތައްޔާރީއެއް، ގާތްގަނޑަކަށް 99 ޕަސެންޓު މިހާރު މިހިރީ ނިމިފަ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީތަކަކީ އަބަދުވެސް ފޯރިގަދަ ޕްރައިމަރީތަކެއްކަން ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، އުންމީދުކުރަނީ މި ޕްރައިމަރީ ސުލްހަވެރިކަމާއެކު ނިމޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހުގެ 27ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީން ޕްރައިމަރީ ބާއްވައި 28ވަނަ ދުވަހު ވަގުތީ ނަތީޖާ އިއުލާނުކުރި ނަމަވެސް، ރަސްމީ ނަތީޖާ އަދިވެސް އެ ޕާޓީގެ ވެބްސައިޓުގައި އާންމެއްނުކުރެއެވެ. އެހެންވެ، އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާތައް އާންމުކުރުން ލަސްވާނެތޯ ސުވާލުކުރުމުން ފަލާޙް ވިދާޅުވީ، ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނުކުރާތާ ދެ ތިން ދުވަހެއްގެ ތެރޭ ރަސްމީ ނަތީޖާ އިއުލާނުކުރެވި އާންމުކުރެވިގެން ދާނެ ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމް --

މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ.

އެއްކޮޅުން ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް ޢާޒިމެވެ، އަދި އަނެއްކޮޅުން ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ދެބޭފުޅުންގެ 'ކޯޅުން' މިހާރު އޮތީ ބޮޑުވެފައެވެ. ޕާޓީގެ އެތެރޭގައި ވެސް އެކަމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތީ އުފެދިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ.

ކަން އެހެން އޮއްވައި ޕާޓީގެ ރައީސް ޝާހިދު ތާއިދުކުރައްވަނީ އަލީ އާޒިމަށް ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. ނަމަވެސް ޝާހިދު ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފައެވެ. އެ ތަފުސީލު ހޯދުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

comment ކޮމެންޓް