ފުޅާ ދާއިރާއެއްގައި ވޭޕުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރަށް

ވޭޕުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ: އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައި --- ފޮޓޯ/ ފުލުހުން

ފުޅާ ދާއިރާއެއްގައި ވޭޕުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ވޭޕުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހުޅުމާލޭން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް، އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖާއި ވޭޕާއި ޕޮޑުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ. އަދި 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު އެ އޮޕަރޭޝަންގައި އަތުލި ނެނޯ ކާޓްރިޖާއި ވޭޕާއި ޕޮޑުގެ އިތުރުން ފައިސާގެ އަދަދެއް ފުލުހުން ހިއްސާނުކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، 442 ވޭޕު ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ފުލުހުން ހޯދީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ނަމަވެސް، އޭގެ ތަފުސީލެއް ފުލުހުން ދީފައި ނުވެއެވެ.

https://sun.mv/215782

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން އޭގެ އެއް މަސްދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް މިދިޔަ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހު ހިފަހައްޓައިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

comment ކޮމެންޓް