ފުލުހުން މާލޭގެ ދެ އަވަށަކުން ހޯދި ވޭޕްތަކެއް، 442 ފްލޭވާޑް ކާޓްރިޖާއެކު މިއަދު ނައްތާލައިފިއެވެ.
ފުލުހުން ބުނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދޫނިދޫގައި ނައްތާލާފައިވަނީ ހަތަރު ޝީޝާޕަފްއާއި ވޭޕްއަކާއި، 442 ފްލެވާޑް ކާޓްރިޖާއި ތިން ނެނޯސްޓިކްގެ އިތުރުން ސިނގިރޭޓުގެ އެއް ކާޓަން ކަމަށެވެ.
އެ ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހޯދި ވޭޕާއި ކާޓްރިޖްތައް -- ފޮޓޯ/ ފުލުހުން
މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ، އާދިއްތަ ދުވަހު މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، އެ ދެ ގެއިން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ކަމަށް ބުނި ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ފުލުހުން ނުބުނެއެވެ.
އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އެ ދުވަހު ފުލުހުން ބުންޏެވެ.
އިއްޔެ އެ ޚިދުމަތުން ވަނީ، ދުންފަތާ ދެކޮޅަށް މާލޭ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ ހަތް މިލިއަން ރުފިޔާގެ ތަކެތި ހޯދައިފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި 44،866 ފޮށި ސިނގިރެޓާއި 4733 ވޭޕާއި 765 ފްލޭވާފުޅި ނުވަތަ ކާޓްރިޖް ހިމެނުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ އެކަކުން ފެށިގެން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން ޑިސެންބަރު 15ގައި ވަނީ މަނާކޮށްފައެވެ.
އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް މި މަހުގެ ހަތަރު ވަނަ ދުވަހު ހިފަހައްޓައިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.