މި މަހު 31 ގައި އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.
އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އާންމު މެންބަރެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އޭގެ ތެރެއިން އިކްރާމް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން ސިޓީއެއް ހުށަހަޅާފައެވެ.
އެ ސިޓީގެ ޖަވާބުގައި އަދާލަތު ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަލީ ރަޝީދު އިކްރާމަށް ފޮނުވި ސިޓީގައި ވަނީ، ރައީސަކު ހޮވުމުގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ޕާޓީގެ ދުސްތޫރާއި އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
މިގޮތުން، މިހާރު ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުގައި ވޯޓު ފޮށި ބަހައްޓަން ޖާގައެއް ނުދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ޕާޓީގެ އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރަނީ މިނިވަންކަމާއި ދެފުށް ފެންނަކަން ކަށަވަރުވާނެ ގޮތަށް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެހެންވެ، ޕާޓީގެ މެންބަރުންގެ މެދުގައި އިންތިޚާބާމެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ނުދައްކަން ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕާޓީގެ ރައީސްކަމަށް ޝެއިޚް ޝިފާން ކުރިމަތިލެއްވީ މިހާރުގެ ރައީސް އިމްރާން އަބްދުالله އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފާއި، ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާއެކުގައެވެ.
އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބު އޮންނާނީ މި މަހު 31 ގައެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30 ގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް، އޭނާ މި އިންތިޚާބުގައި ވާދައެއް ނުކުރައްވައެވެ.